ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި ފްރާންސުން މިރޭ ނިކުންނަނީ މޮރޮކޯއާ ދެކޮޅަށް ކަމަށާއި ރެފްރީއާ ދެކޮޅަށް ނޫން ކަމަށް، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.
މި މެޗުގެ ރެފްރީއާ މެޗު އޮފިޝަލުންނަށް ހަމަޖައްސާފައިވަނީ އާޖެންޓީނާއަށް ނިސްބަތްވާ ފަރާތްތަކެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އިން ފްރާންސް ބަލިކުރިއިރު، އޭގެފަހުން މި ދެ ޓީމުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.
ފްރާންސް މެޗުގެ ރެފްރީންނަށް އާޖެންޓީނާ އަށް ނިސްބަތްވާ ފަރާތްތަކެއް ހަމަޖެއްސިއިރު، މުބާރާތުގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގެ ރެފްރީއަކަށް ހުރީ ފްރާންސަށް ނިސްބަތްވާ ފަރާތެކެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޑެޝޯމްޕް ބުނީ ރެފްރީންނަށް އިތުބާރުކުރާ ކަމަށާއި ބައެއް ރެފްރީންގެ ނިންމުންތަކާއި މެޗު ބަހުސް ކުރުމުގެ ޖާގަ އަބަދުވެސް އޮންނާނެ ކަމަށެވެ.
"އަހަރުމެން މި ނިކުންނަނީ މޮރޮކޯއާ ދެކޮޅަށް. ރެފްރީއާ ދެކޮޅަކަށް ނޫން،" ޑެޝޯމްޕް ބުންޏެވެ.
ޑެޝޯމްޕް ބުނީ ރެފްރީ ހުންނަނީ ފުޓްބޯޅައިގެ ގަވާއިދުތައް އިންސާފުވެރިކަމާއެކު ތަންފީޒުކުރުމަށް ކަމަށާއި އާޖެންޓީނާގެ މެޗުގައި ރެފްރީކަން ކުރި ފްރާންސްގެ ރެފްރީއާ އެއްވަރަށް މިރޭގެ މެޗުގެ ރެފްރީ ވެސް ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ބުނެފަ އެވެ.
މީގެއިތުރުން ޑެޝޯމްޕް ވަނީ މޮރޮކޯއާ ދެކޮޅަށް ނިކުންނައިރު ފްރާންސުން ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ހިފުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފަ އެވެ.
ފްރާންސް އާއި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން ދަންވަރު 1 ޖަހާއިރު އެވެ.