ހަވީރު ނޫސް ހުއްޓާލުމަށް ސިވިލް ކޯޓުން ކުރި އަމުރާއި ގުޅިގެން ދިވެހި ނޫސްވެރިން ކުރިއަށްގެންދާ ސުލްހަވެރި މުޒާހަރާ އަށް ފުލުހުން ވަދެ ޕެޕާސްޕްރޭ ޖަހައި އަށް ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ.
މުޒާހަރާ ކަވަރުކުރަމުންދާ "އައްޑޫލައިވް"ގެ ނޫސްވެރިއާ ހަސަން ރަޝީދު ބުނީ ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ހަވީރު ނޫހުގައި މަސައްކަތް ކުރާ އަންހެން ހަތަރު ނޫސްވެރިން ހިމެނޭ ކަމަށެވެ.
ހައްޔަރު ކުރި އަންހެން ނޫސްވެރިންނަކީ 2014 ވަނަ އަހަރުގެ ނޫސްވެރިކަމުގެ ގައުމީ އެވޯޑް ހާސިލް ކޮށްފައިވާ ފަޒީނާ އަހްމަދު އާއި މަރިޔަމް ޝިފްލީން އާއި އާމިނަތު އަމާނީއެވެ. އޭގެ އިތުރުން ހަވީރު ނޫހުގެ އަލީ ނާފިޒު އާއި ސަޔާހު ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
ނޫސްވެރިން ކުރަމުންދާ މުޒާހަރާގައި ރާއްޖެ ޓީވީ، ސީއެންއެމް، ހަވީރު، އަދި ވީ ނިއުސްގެ އަދި ސަންގު ޓީވީގެ ނޫސްވެރިން ހިމެނެއެވެ.
ގިނަ އަދަދެއްގެ ނޫސްވެރިން ކުރަމުން އަންނަ މުޒާހަރާ ރާއްޖޭގެ ބައެއް ނޫސް ތަކުން ކަވަރު ކުރަމުންދަނީ ވަރަށް "ލޮނު" މަޑު ގޮތަކަށް ކަން ފާހަގަ ކުރެވެއެވެ.
