Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

ވައިގެ ކޮލިޓީ ބަލާ މިންގަނޑުތަކަށް އަހުލުވެރިކޮށްފި

ވައިގެ ނުސާފުމިން ބަލާ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން މާލޭގައި އިންތިޒާމުކުރި އެ ތަމްރީނު ޕްރޮގްރާމަކީ ވައިގެ ސާފުމިން ބެލުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، މޮނިޓަރިން މެޝިންތަކުގެ ކެލިބްރޭޝަން ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަމުގެ އިތުރުން، މި ދާއިރާއިން ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ބޭއްވި ޓްރޭނިންއެކެވެ.

އޭގެ ސެޝަންތައް ކުރިއަށް ގެންގޮސްދެއްވީ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ރީޖަނަލް ރިސޯސެސް ސެންޓަ ފޯ އޭޝިއާ އެންޑް ދަ ޕެސިފިކްގެ މާހިރެކެވެ.

މި ތަމްރީނުގެ ތެރެއިން، ތިއަރީ ސެޝަންތަކުގެ އިތުރުން އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން މިނިސްޓްރީގެ ދަށުން ގަލޮޅުގައި ގާއިމުކޮށްފައިވާ "އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން" އަށް ޒިޔާރަތްކޮށް، އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައިވެރިން ބަލާފައިވެ އެވެ.

މިނިސްޓްރީން ބުނީ މިފަދަ ތަމްރީނުތަކުގެ ސަބަބުން ރާއްޖޭގެ ވައިގެ ސާފުމިން ދެނެގަތުމުގެ ގާބިލުކަން އިތުރުވެ، ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ސަރުކާރުން އަންނަނީ ވައިގެ ނުސާފުމިން ދެނެގަތުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.