މާލޭގެ އިތުރު ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
އެގޮތުން އެ ހާދިސާ ހިނގާފައި ވަނީ ގ. ހުދުރުވާގޭގަ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީީން ބުނީ އެ ރޯވި އަލިފާން މިހާރު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އެ ގޭގައި ޖުމްލަ ހަތަރު މީހުން ދިރިއުޅޭ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މިއަދު މާލޭގައި އަލިފާނުގެ ހާދިސާ ހިނގީ މާފަންނު ޖާޔާ ކުޝަން ކައިރި ހުރި އިމާރާތެއްގަ އެވެ. އެތަނުގައި ރޯވި އަލިފާން ސިފައިން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
އެ ހާދިސާއާ ގުޅިގެން ޑިޒާސްޓާ އިން ބުނީ ދެ ބުރިއަށް އިމާރާތްކޮށްފައިވާ އެ ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނޫން ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ އިމާރާތާ ޖެހިގެން ހުރި ގޭގައި ދިރިއުޅޭ 10 ބިދޭސީއަކު ވަގުތީ ގޮތުން ހުސްކޮށްފައިވާ ކަމަށް ބުންޏެވެ.
ދެބުރިއަށް އިމާރާތްކޮށްފައިވާ އެ ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނޫން. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ އިމާރާތާ ޖެހިގެން ހުރި ގޭގައި ދިރިއުޅޭ 10 ބިދޭސީއަކު ވަނީ ވަގުތީ ގޮތުން ހުސްކުރެވިފަ
— NDMA Maldives (@NDMAmv) July 9, 2026
މާލޭގެ ދެ ތަނެއްގައި މިއަދު ރޯވި އިރު، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގ. ފުންފަޅުގޭގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކަށް ފަރުވާ ވެސް ދޭން ޖެހުނެވެ. އެ ހާދިސާއާ ގުޅިގެން ޖުމްލަ 109 މީހަކަށް އެކި ވަރުގެ އަސަރުކޮށްފައިވާތީ އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދޭން ޖެހުނެވެ. އަދި ދުމުގެ އަސަރުކޮށްގެން ޖުމްލަ 28 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ވެސް ދީފައިވެ އެވެ.
މާލޭގެ އިތުރުން މި ފަހަކަށް އައިސް ހުޅުމާލޭގައި ވެސް އާންމުން ދިރިއުޅޭ ތަންތަނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ.