ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު މަދޫރް ބަންޑާކާރްގެ ކުރިއަށް އޮތް ފިލްމު 'ދަ ވައިވްސް' ގެ ނަން ބަދަލުކޮށްފި އެވެ.
ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމުގެ އާ ނަމަކީ 'ދަ ވައިވްސް އޮފް ބޮލީވުޑް' އެވެ. އެ ނަމަކީ އެންމެ ފުރަތަމަ މި ފިލްމު 2021 ގައި ހިސާބުގައި އިއުލާންކުރި އިރު ވެސް ފިލްމަށް ދީފައި އޮތް ނަމެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަދޫރު ފިލްމުގެ ޝޫޓިން ފެށީ 'ދަ ވައިވްސް' ގެ ނަމުގައި ފިލްމު އިއުލާންކޮށެވެ.
އޭރު އެ ނަމާ އެކު ފިލްމުގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް ދައްކައިލި އެވެ.
މިހާރު މީގެ އަސްލު ނަން ރުޖޫއުކުރިކަން ކަށަވަރުކޮށް ދެމުން ބޮލީވުޑް ހަންގާމާ އަށް މަދޫރު ބުނީ ފިލްމުގެ ނަން ބަދަލުކުރީ މިއީ ސީދާ ކޮން ބައެެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެއްކަން އާންމުންނަށް ތިލަކޮށް ދިނުމުގެ ގޮތުން ކަމަށެވެ. 'ދަ ވައިވްސް އޮފް ބޮލީވުޑް' ގައި ކިޔައި ދޭނީ ބޮލީވުޑް މަޝްހޫރު އެކްޓަރުންތަކެއްގެ އަނބިންތަކެއްގެ ޕޮޝް ލައިފްސް ސްޓައިލްގެ ވާހަކަ އާއި އެ މީހުންގެ ދިރިއުޅުމެ ހަފަރާތެވެ.
ފިލްމަށް ކުރިން 'ދަ ވައިވްސް އޮފް ބޮލީވުޑް' ކިޔަން ނިންމައި ފަހުން 'ދަ ވައިވްސް' ގެ ނަމުގައި މަދޫރް ފިލްމުގެ މަަސައްކަތް ފެށީ އޭނަގެ މި ފިލްމު އިއުލާންކުރި ދުވަސްވަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ނެޓްފްލިކްސްއާ ގުޅިގެން 'ވައިވްސް އޮފް ބޮލީވުޑް' ގެ ނަމުގައި ރިއަލިޓީ ސީރީޒެއް ގެނެސްދޭން ފެށުމާ ގުޅިގެންނެވެ.
އޭގެ ތިން ސީޒަނެއް މިހާތަނަށް ގެނެސް ދީފައިވެ އެވެ.
އެ ސީރީޒް 'ދަ ވައިވްސް އޮފް ބޮލީވުޑް' ގެ ނަމުގައި ގެނެސްދޭން ފެށުމުން އެކަމުގެ ނުރުހުން މަދޫރު ފާޅުކުރުމުން ކަރަންގެ ސީރީޒްގެ ނަން ފަހުން 'ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް' އަށް ބަދަލުކޮށްފައިވެ އެވެ.
މަދޫރު ބުނި ގޮތުގައި އޭނަގެ 16 ވަނަ ފިލްމުގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައިވާ 'ދަ ވައިވްސް އޮފް ބޮލީވުޑް' ގެ ބާކީ ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. އެގޮތުން ފިލްމު އެޑިޓްކޮށް ނިންމައި، މިހާރު ބެކްމިއުޒިކާއި ވީއެފްއެފްއެކްސްގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުންޏެވެ.
އޭނަ ބުނި ގޮތުގައި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ތާރީހެއް އިއުލާން ކުރާނީ ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމައި ސެންސަރު ބޯޑަށް ހުށަހަޅައި، ފިލްމު ފާސް ވެސް ކުރުމަށް ފަހު އެވެ.
'ދަ ވައިވްސް އޮފް ބޮލީވުޑް' ގެ މައިގަނޑު ތަރިންނަކީ މޯނީ ރޯއި، ސޮނާލީ ކުލްކަރްނީ، ރެޖީނާ ކެސަންޑްރާ، ރާހުލް ބަޓް، ސޯރަބް ސަޗްދޭވް، އަރުޖަން ބަޖްވާ އަދި ފްރެޑީ ދާރޫވާލާ އެވެ.
އާންމުކޮށް އަންހެނުންނާ ގުޅޭ މައްސަލަތަކަށް ފިލްމު ހަދަން މަޝްހޫރު ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މަދޫރު އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ފިލްމުތައް ކަމަށްވާ 'ފެޝަން' އާއި 'ޕޭޖް 3' އަދި 'ޗާންދުނީ ބާ' ގެ ވެސް ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ތަމަންނާ ބާޓިއާއެކު 2022 ގައި ގެނެސްދިން 'ބަބްލީ ބައުންްސާ' އެވެ.