Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

އައްޑޫގައި ހިތުގެ ފަރުވާގެ ކްލިނިކެއް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކާޑިއަކް އިމްޕްލާންޓެބަލް އިލެކްޓްރޯނިކް ޑިވައިސް (ސީއައިއީޑީ) ފޮލޯއަޕް ކްލިނިކެއް ހުޅުވައިފި އެވެ.

އައިޖީއެމްއެޗުން ބުނީ ނެޝަނަލް ސެންޓާ ފޯ ކާޑިއޯވަސްކިއުލާ ސައިންސަސް (އެންސިސީއެސް) ގެ އެހީތެރިކަމާ އެކު އެފަދަ ކްލިނިކެއް އައްޑޫގައި ހުޅުވުމަކީ ހިތުގެ ފަރުވާގެ ހިދުމަތްތައް އެ ސަރަހައްދުގައި ފުޅާކުރުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އައްޑޫ ހޮސްޕިޓަލްގައި އަންނަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކެތު ލެބްގެ ހިދުމަތް ވެސް ދެމުންނެވެ. އެތަނުގެ ހިދުމަތް ދެމުން އަންނަނީ އައީއެމްއެޗާ ގުޅިގެންނެވެ.

އޭގެ ފަހުން މިހާތަނަށް އައްޑޫގައި ހިތުގެ ބަލިތަކާ ގުޅޭ ފަރުވާތައް އިތުރުކޮށް، ހިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާ ކުރަމުންނެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި އައްޑޫގައި ހުޅުވި ހިތުގެ ފޮލޯއަޕް ކްލިނިކްގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ސަރަަހައްދުގެ ބަލިމީހުން ފަރުވާއަށް މާލެ ދާން ދިއުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި ބަލި މީހުންގެ ބަލި ފަސޭހައިން ދެނެގަނެ، ފަރުވާގެ ކަންކަން އަވަސްކުރުމާއި ދިގު މުއްދަތެއްގައި ފޮލޯއަޕްގެ ކަންކަން ވެސް ކުރިއަށް ގެންދިއުމުގެ އިންތިޒާމު ފަސޭހަވާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

އޭއީއެޗަކީ އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލެވެ. އެތަނުގެ ހިދުމަތް ފެށީ 2020 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.