ރާއްޖޭގައި ހިސާބު ޢިލްމު ކުރިއަރައިގެން ދިޔަ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ "މެތަމެޓިކަލް ތިންކިން އިން ދަ މޯލްޑިވްސް" ފޮތް ނެރެފި އެވެ.
ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވާފައިވާ މި ފޮތް ނެރެދެއްވީ އެކަމަށްޓައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ.
މި ފޮތަކީ ހިސާބު ޢިލްމާއި، ދިވެހި ސަގާފަތާއި އަދި ތަޢުލީމީ ދާއިރާގެ ގުޅުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ނެރުނު މިފަދަ ފުރަތަމަ ޢިލްމީ މަސައްކަތެވެ.
ފުޅާ ދާއިރާއެއްގައި ކުރި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފޮތުން، ދިވެހިންގެ މަސްވެރިކަމާއި، ނިޔަމިކަމާއި، ވަޑާންކަމުގެ އިތުރުން ކަސަބު ފަދަ އަތްތެރި މަސައްކަތްތަކާއި ދަނޑުވެރިކަމުގެ ތެރޭގައި ހިސާބު ޢިލްމު ބޭނުން ކުރެވެމުން އައިސްފައިވާ ފާހަގަކުރެވޭ މިންވަރު ވެސް ހާމަކޮށްފައިވެ އެވެ.
ޝެހެނާޒް ވިދާޅުވީ ފޮތުގެ ސަބަބުން ހިސާބުގެ ދާއިރާ އަށް އޮތް ޝައުގުވެރިކަން އިތުރުވެ، އެ ދާއިރާގެ މައުލޫމާތު މުއްސަނދިވުމަކީ އުއްމީދެއް ކަމަށެވެ.