ބަހްރެއިންގެ ކުންފުންޏެއް ކަމަށްވާ ގަލްފް ހޮޓެލްސް ގްރޫޕު (ޖީއެޗްޖީ) ރާއްޖޭގައިރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި އެވެ.
އެ ކުންފުނިން މަޝްރޫއު ކުރިއަށް ގެންދަން ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ކެރެޓްސޫ ޕްރައިވެޓް ލިމިޑެޓާ އެވެ. އެ ކުންފުންޏަކީ ހިލްޓަން މޯލްޑިވްސް އަމީންގިރި އާއި ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ފަދަ ރިސޯޓުތައް ޑިޒައިންކޮށް ތަރައްގީކުރި ކުންފުންޏެކެވެ.
ޖީއެޗްޖީން މާލެ އަތޮޅުގައި ތަރައްގީކުރާ މި ލަގްޒަރީ ރިސޯޓަކީ ތަރައްގީ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި 25 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި ތަރައްގީކުރާ ރިސޯޓެކެވެ. އެތަނުގައި ބީޗް ފްރޮންޓް އަދި ވޯޓާ ވިލާތައް ހިމެނޭ އިރު، ޓޫރިސްޓުންނަށް ވާނެ ހުރިހާ ވަސީލްތަކެއް އެންމެ ޒަމާނީ ފެންވަރުގައި ގާއިމުކުރާނެ އެވެ.
ޖީއެޗްޖީގެ ސީއީއޯ އަހުމަދު ޖަނާހީ ވިދާޅުވ ރާއްޖޭގައި ތަރައްގީކުރާ އެ ކުންފުނީގެ މި ރިސޯޓަކީ އިންޑިއާ ކަނޑުގެ ސަރަހައްދަށް ހިދުމަތް ފުޅާ ކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ތަރައްގީކުރާ ރިސޯޓް ހުޅުވާނެ ދުވަހެއް ޖީއެޗްޖީން އަަދި ހާމައެއް ނުކުރެ އެވެ.
ޖީއެޗްޖީ އަކީ ބަހްރެއިންގެ އިތުރުން ޔޫއޭއީ އާއި އެފްރިކާގެ ގައުމުތަކުގައި ވެސް ރިސޯޓާއި ހޮޓާތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.
ރާއްޖެ އަކީ ދުނިޔޭގެ ޓޫރިޒަމް ސިިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓްތަކުގެ އަދަދު 170 އަށް ވުރެ ގިނަ އެވެ.