އިންޑިއާގެ އެކްޓަރު ރާގަވް ޖުޔަލް ލީޑް ރޯލުން ފެންނާނެ ފުރަތަމަ ފިލްމު 'ބާއީ ތޭރާ ސްޓާ ހޭ' މި މަހު ސިނަމާތަކަށް ގެންނަން ނިންމައި، އޭގެ ޓްރެއިލާ ވެސް މިއަދު ދައްކާލައިފި އެވެ.
މިއުޒިކަލް ކޮމެޑީއެެއްގެ ގޮތުގައި ހަދާފައިވާ މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ މި މަހުގެ 30 އަށެވެ.
ވިވެކް ބީ އަގަރްވާލް ޑައިރެކްޓްކޮށްފައިވާ 'ބާއީ ތޭރާ ސްޓާ ހޭ' ގެ ކާސްޓްގައި ސަންޖޭ ކަޕޫރް، ޗަންދަން ރޯއި ސަނިއާލް، ނިހާރިކާ، ނިކީ ވާލިއާ، ވިކަލްޕް މެހަތާ، ވިވާން ބަތޭނާ އަދި ޓީނާ ދެސާއީ ހިމެނެ އެވެ.
ނެށުންތެރިއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުކަން ހޯދި ރާގަވް، 34، މިހާތަނަށް އެކި ފިލްމުތަކުގައި ސަޕޯޓިން ރޯލުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 'އޭބީސީޑީ 2' އާއި 'ސްޓްރީޓް ޑާންސާ' އާއި 'ކިސީ ކާ ބާއީ ކިސީ ކީ ޖާން' އާއި 'ކިލް' އާއި 'ޔުދުރާ' އަދި 'ނިޝާންޗީ' ހިމެނެ އެވެ.
ރާގަވް އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިދިޔަ އަހަރު ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް 'ބޭޑްސް އޮފް ބޮލީވުޑް' އިންނެވެ.
ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އެކްޓަރު ފިލްމެއް ލީޑުން ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވަމުން އަންނަ އިރު، ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ 'ކިންގް' އާއި މަޝްހޫރު ތެލެގޫ އެކްޓަރު ނާނީގެ 'ދަ ޕެރަޑައިސް' ގެ އިތުރުން 'ހަސަލް' ކިޔާ ފިލްމެއް ހިމެނެ އެވެ.