Last Updated: July 9, 20:21
Thursday, July 9, 2026
ކުޅިވަރު

ފީފާ؛ މިހާރު ދަބަރު ޖަހާފައިވާ ފީފާބުރިއެއް!

ދިުިނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަކީ މިހާރު ދިފާޢުގައި އެއްޗެއް ބުނެވޭ ވަރަށް ވުރެ، ހަޑި، މުޑުދާރު މުއައްސަސާއެކެވެ. ފީފާއިން، ޔުކުރޭނު ހަނގުރާމައިގެ މައްސަލާގައި ރަޝިޔާ ސަސްޕެންޑް ކުރިއިރު، އިޒުރޭލަކަށް އެއްވެސް ފިޔަވަޅެއް ނާޅައެވެ. އެކަމަކު، އިޒުރޭލުން އެ ދަނީ ޣައްޒާއާއި، ލުބުނާނާއި، ސީރިއާ އާއި، އަދި އީރާނަށް ޙަމަލާދީ ކުށެއް ނެތް އެތައް ބަޔަކު މަރަމުންނެވެ. މިއިން ޤައުމަކުން އިސްވެ އިޒުރޭލަކަށް ޙަމަލާއެއް ނުދެއެވެ. އެހެން ނަމަވެސް، ރަޝިޔާއަށް ފިޔަވަޅު އެޅި މިންގަނޑު، އިޒުރޭލާ ދެކޮޅަށް ތަންފީޒުކުރަން ފީފާއިން ވަނީ ދެކޮޅު ހަދައިފަ އެވެ.

ފީފާ އިން، އެމެރިކާ ޓީމުގެ ބާރަވަނަ ކުޅުންތެރިޔާ ޑޮނަލްޑޯއަށް "ސުލްޙައިގެ އިނާމު" ޙަވާލުކޮށް، ފުޓްބޯޅައަކީ ސިޔާސީ ކަންކަމަށްވުރެ މަތީގައި އޮންނަން ޖެހޭ އެއްޗެއް ކަމަށް ބުނެ، ޑޮނަލްޑޯ ކުރިމަތީވަނީ ކުޑަކަކޫ ޖަހާފައެވެ. އަދި، ދާދިފަހުން އެމެރިކާ ޓީމުގެ ކުޅުންތެރިޔާ ފްލޮރިން ބޮލަގަންގެ ރަތްކާޑާ ގުޅިގެން ޑޮނަލްޑޯ ފީފާގެ ރައީސް އިންފަންޓީނޯ އަށް ގުޅައިގެން، ކުއްލިއަކަށް ބޮލަގަންގެ ރަތް ކާޑުގެ ސަސްޕެންޝަން އުވާލައި، އެ ކުޅުންތެރިޔާ ދޮވެ ސާފުކޮށްފި އެވެ.

ދެން އޮތީ އާޖަންޓީނާއެވެ. އެއީ ރެފްރީންނަށް އަތް ނުލެވޭ، ކުށުން ބަރީއަވެގެންވާ ބައެކެވެ. އެ ޓީމުގެ މީހަކު ގަސްތުގައި ކުށެއް ކުރިއަސް، އަނެއް ޓީމުން ކިތަންމެ އާދޭހެއް ކުރިއަސް، އެންމެ ކުޑަމިނުން، ވީއޭއާރު ގަނޑުވެސް ބަލައި ޗެކްކޮށްގެން ނުވާނެއެވެ. މެސީއަކީ ކުޑަތާ މަލާއިކަތެކެވެ. އޭނާއާ ދިމާއަށް އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު ބަލާލާ ގޮތަކުންވެސް ކާޑެއް ދައްކަފާނެއެވެ.
ފުޓްބޯޅައަކީ ދެ ޓީމެއްގެ 22 ކުޅުންތެރިން ކުޅޭ ކުޅިވަރެކެވެ.

ފުޓްބޯޅައަކީ އިންސާފުވެރި، ޢާލަމީ، އަދި ސިޔާސީ ކަންކަމުން ދުރުވެފައިވާ ކުޅިވަރެއް ކަމަށް ކުރިން ހީކުރެވުނެވެ. އެކަމަކު، މިހާރު އެ ހުރިހާ ކަމެއް ވަނީ ބަދަލުވެފައެވެ. ފެންނަ ފެނުމުގައި، މިހާރު ރެފްރީއާއި، ދެ ލައިންސްމަނުންނަކީވެސް ފީފާއިން ބޭނުންވާ ޓީމަކަށް ކުޅެދޭ، ފީފާ ޓީމުގެ 3 ކުޅުންތެރިންނެވެ.

ފީފާއިން ސާބިތުކޮށްދެމުން ދަނީ ބާރާއި، ނުފޫޒާއި، ފައިސާއަކީ، ކުޅިވަރުގެ އަޚުލާޤާއި، ސުލޫކަށްވުރެ މުހިންމު އެއްޗެއް ކަމުގައެވެ. އެކި ޤައުމުތަކަށް އެކި އުސޫލުތަކެވެ. އެކި ކުޅުންތެރިން މިނުމުގައި ބޭނުން ކުރަނީ މުޅިން ތަފާތު އެކި މިންގަނޑުތަކެވެ. ފުރަތަމަ ބަލަނީ އެއީ، ކޮން ކުޅުން ތެރިއެއްތޯއެވެ. އިންސާފުގެ ވާހަކަ ދެކެވޭނީވެސް އެއަށް ފަހުގައެވެ.

ފީފާއިން ފުޓްބޯޅަ ޙިމާޔަތް ކުރަނީކީއެއް ނޫނެވެ. ފީފާއިން ފުޓްބޯޅަ ހަލާކުކުރަނީއެވެ. ލަދުން ބޯ ހަލާކެވެ. ރޭގެ މެޗްގައި އާރޖެންޓީނާއިން ޖެހި ފުރަތަމަ ގޯލާއެކު، އިންފަންޓީނޯއަށް ހީވީ ބިންހެލުމެއް އައި ހެންނެވެ. އިށީދެގެން އިން ގޮނޑިން ތެދުވެ، ވަށައިގެން ތިބި މީހުންގެ ގައިގައި ބައްދަ ބައްދާފައި ނަށަނީއެވެ. މިއީ، ވަކި ފަރާތަކަށް ނުޖެހޭ ފީފާގެ ރައީސް އިންފަންޓީނޯގެ ޙާލެވެ. އެހެން ނޫނަސް އިންފަންޓެއް ވީމާ އެވަރު ކަމެއް ވެދާނެއެވެ. ބޮޑުވެ ތަސައްރަފު ފުދި، އެޑަލްޓީނޯއަކަށް ވީމާ، އެކަންކަން ރަނގަޅު ވާނެ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.