Last Updated: July 9, 20:21
Thursday, July 9, 2026
ރިޕޯޓް

ޓެރަރިޒަމުން ކުރާ އަސަރުތައް (1)

ޓެރަރިޒަމްގެ މައްސަލަ އާއި، އޭގެ ސަބަބުން ފަރުދުންނަށާއި އުންމަތްތަކަށް ކުރާ އަސަރުތަކަކީ މިއަދުގެ ދުނިޔޭގައި ބައިނަލްއަޤްވާމީ މުޖުތަމަޢުތަކުން އެންމެ ބޮޑަށް ކަންބޮޑުވާ އަދި އިންސާނީ މުޖުތަމަޢުތަކުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ އެއް މައްސަލައެވެ. ތަފާތު ދީންތަކާއި ފިކުރުތަކާއި، ތަފާތު ނިޒާމުތަކުގެ މައްޗަށް ބިނާވެފައިވާ ޤައުމުތަކެކޭ އެއްފަދައިން، އިސްލާމީ ޤައުމުތަކަކީ ވެސް އެކި މިންވަރަށް މި ނުރައްކާތެރި ވަބާގެ ޝިކާރައަކަށް ވެފައިވާ ގައުމުތަކެކެވެ.

ޓެރަރިޒަމަކީ ކޮބައި ހެއްޔެވެ؟ އެކަމަށް މަގުފަހިކުރުވާ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟ އަދި އޭގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ބޮޑުމިނަކީ ކޮބައި ހެއްޔެވެ؟

ޓެރަރިޒަމަކީ އޭގެ ޒާތުގައި ބިރުވެރިކަމާއި ނާމާންކަން ފެތުރުމުގެ ތަފާތު ސިފަތަކެއް އެކުލެވިގެންވާ ކަމެކެވެ. މިއީ ހަމައެކަނި އަމާންކަމާއެކު ދިރިއުޅެމުންދާ މީހުން ބިރުގަންނުވައި ނާމާންކަން ފެތުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، މަޢުސޫމް ފުރާނަތައް ޤަތުލުކުރުމާއި، ޙިމާޔަތްކުރެވިފައިވާ މުދާ ހަލާކުކޮށް ފޭރުމާއި، މީސްތަކުންގެ އަބުރު ނަގާލުމާއި، މުޖުތަމަޢުގެ އެއްބައިވަންތަކަން ރޫޅާލުން ފަދަ ލާއިންސާނީ ޢަމަލުތައް މީގެ ތެރޭގައި ހިމެނެއެވެ. މިފަދަ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ބިމުގައި ފަސާދަ ފެތުރި، އިންސާނުންގެ މެދުގައި ބިރުވެރިކަމުގެ ހިޔަނި އެޅިގެންދެއެވެ.

މި ނުރައްކާތެރި ވަބާގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު:

ވައިގެ މަގުންނާއި އެއްގަމު މަގުން ދަތުރުކުރާ އުޅަނދުފަހަރު ހައިޖެކްކުރުމާއި، މަގުމަތިން މީހުން ރަހީނުކުރުމާއި، ގައުމުތަކުގެ ވެރިން އަވަހާރަކޮށްލުމާއި، ދައުލަތުގެ ބިނާތަކާއި ވަސީލަތްތަކަށް ބޮން އަޅައި ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އެންމެ ހުތުރު އަދި ނުބައި ސިފަތަކެވެ.

ޝަރުއީ އެއްވެސް ހަމައެއް ނެތި، ހަމަނުޖެހުން އުފައްދައިގެން ގައުމުތަކުގެ ވެރިންނާއި ރަސްރަސްކަލުންގެ ވެރިކަން ވައްޓާލުމަށް ރޭވުމާއި، ސަލާމަތީ ބާރުތަކުގެ މީހުންނާއި ދައުލަތުގެ މަސްއޫލުވެރިން މެރުމަކީ އިންސީންނާއި ޖިންނީންގެ ތެރެއިންވާ ޝައިތާނުންގެ ވަސްވާސްތަކުގެ ސަބަބުން ހިންގާ ބޮޑުވެގެންވާ ޖަރީމާތަކެކެވެ. މިއީ ޓެރަރިސްޓުން މެދުވެރިކޮށް ހިންގާ ނުބައި އަމަލުތަކެކެވެ.
ދީނީ ޙުއްޖަތެއް ނެތި، ނުވަތަ މިކައުނު ހެއްދެވި ޚާލިޤުވަންތަ ރަސްކަލާނގެއަށް ލަދުވެތިވުމެއް ނެތި، އަދި އަމާންކަމާއެކު އުޅޭ ފަރާތްތަކަށް އެއްވެސް ރަހުމެއް ނެތި ކުރާ މިފަދަ ކަންކަމަކީ އެބައިމީހުން އަމިއްލަ އިޚްތިޔާރުގައި ޝައިތާނާއަށް ނަފްސު ވިއްކާލާފައިވާތީ ކުރާ ކަންކަމެވެ.

ވިޔަފާރި ކުރާ ތަންތަނާއި، މުދާ ރައްކާކުރާ ގުދަންތަކަށް އަރައިގަނެ، ފާޅުކަން ބޮޑު ގޮތެއްގައި ފޭރުމާއި ވައްކަން ކުރުމަކީ، އީމާންކަމުގެ ނޫރު ކެނޑިފައިވާ، ނުވަތަ ނަފްސާނީ އެދުންތަކުގެ އަޅަކަށް ވެފައިވާ ބަޔަކު މެނުވީ ނުކުރާނެ ފަދަ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެކެވެ. އެފަދަ މީހުންނަށް ދުނިޔޭގައި އިހާނެތިކަމާއި، އާޚިރަތުގައި ވޭންދެނިވި އަޒާބު ހުއްޓެވެ.
އަދި ބައެއް ޤައުމުތަކުގައި، ޖިހާދުގެ ނަމުގައާއި، އިސްލާމީ ޝަރީޢަތަށް އެނބުރި ދިއުމުގެ ނަމުގައި ހަނގުރާމަވެރި ޖަމާޢަތްތަކުން ހިންގާ ލޭއޮހޮރުވުންތަކާއި، މީހުންގެ މުދާ ފޭރުމާއި، މީހުން ބިރުގެންނެވުމާއި، އެއާޕޯޓުތަކާއި ސްކޫލްތައް ފަދަ އާންމު ޚިދުމަތްތައްދޭ ތަންތަނަށް ދޭ ހަމަލާތަކަކީ އިސްލާމްދީނުގެ ނިވާފަތްގަނޑުގައި ހިންގާ ނުރައްކާތެރި ޖަރީމާތަކެކެވެ.

އަމިއްލައަށް ވަކި ނަންނަމުގެ ޖަމާޢަތްތަކަށް ނިސްބަތްވެ، ޢިލްމުވެރިކަމަށް ދަޢުވާކޮށް، ވެރިންނާއި ހަނުތިބޭ މީހުންގެ ލޭ ހުއްދަކޮށް ފަތުވާ ނެރޭ މީހުންނަށް އޮތީ ހިތާމައެވެ. އޭގެ ބަދަލުގައި އެބައިމީހުންގެ ހަކަތަ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، އަޅުކަމާއި، މުޢާމަލާތްތަކާއި، ރީތި އަޚްލާޤު ފެތުރުމުގައި ހޭދަކުރިނަމަ ކިހާ އައުލާވެގެންވީސް ހެއްޔެވެ؟ ކީރިތި ޤުރުއާނާއި ސުންނަތުގެ މަތިވެރި މަންހަޖުގެ ބޭނުން ހިފައިގެން މީހުންނަށް ހެޔޮމަގު ދެއްކި ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ނަމަވެސް އެބައިމީހުން ޚިޔާރުކުރީ މީހުންނަށް ބިރުދައްކައި، އަމާންކަން ނަގާލައި، އަނިޔާވެރިކަމާއި ބޭއިންސާފުން ހަތިޔާރު އުފުލުމަށެވެ. މި ހުރިހާ ކަމެއް އެބައިމީހުން
ކުރަނީ އިސްލާމީ ޝަރީޢަތަށް ޣީރަތްތެރިވުމާއި އުންމަތުގެ އިޞްލާޙަށް މަސައްކަތްކުރުމުގެ ނަމުގައެވެ.

ނަމަވެސް، ހަޤީޤަތުގައި އެބައިމީހުން އެކުރާ ކަންތައްތަކުގެ ސަބަބުން ކިލަނބުވަނީ އިސްލާމްދީނާއި މުސްލިމް އުންމަތުގެ މަތިވެރި ނަމެވެ.

ޙަޤީޤަތުގައި، މިބައިމީހުން އިސްލާމްދީނާއި، މުސްލިމުންގެ ދުޝްމަނުން ކަމުގައިވާ ހުޅަނގާއި އިރުމަތީގެ މީހުންނަށް އިސްލާމްދީނަކީ ހަރުކަށި، އަނިޔާވެރި، އަދި ބިރުވެރިކަން އުފައްދާ ދީނެއްގެ ގޮތުގައި ސިފަކުރުމުގެ ފުރުޞަތު އެމީހުންނަށް ހުޅުވައިދެއެވެ. މީގެ އިތުރުން، މުސްލިމުންނަކީ އިންސާނީ އެއްވެސް ޙައްޤަކަށް އިޙްތިރާމްކުރާ ބައެއް ނޫން ކަމަށާއި، އެއީ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓުން ކަމުގެ ލޭބަލް އެޅުވުމަށް މަގުފަހިކުރެއެވެ. މި ހުރިހާ ކަމެއް މެދުވެރިވަނީ މީސްތަކުންނަށް ދަޢުވަތު ދިނުމުގައި ޝަރުޢީ ރަނގަޅު އުޞޫލުތަކާއި، ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ދެއްކެވި ސާފުސީދާ މަންހަޖާ ޚިލާފަށް، ނުބައި ގޮތްގޮތަށް
ޢަމަލުކުރުމުގެ ސަބަބުންނެވެ.

ދީނީ ޢިލްމުވެރިންނާއި ބުއްދިވެރި ތަޖުރިބާކާރުން ވަނީ، މީސްތަކުން މެރުމާއި، ފޭރުމާއި ވައްކަންކުރުމާއި، އަދި ރައްކާތެރިކަން ދެވިފައިވާ މީހުންގެ (މުޢާހިދުންގެ) ޙުރުމަތް ކެނޑުން ފަދަ ނުބައި ޢަމަލުތަކުން ދަޢުވަތު ފެތުރުމުގެ ނަމުގައި ކުރާ ކަންކަމާއި މެދު ނަޞޭޙަތްތެރިވެ، އިންޒާރު ދެއްވާފައެވެ. ހަމައެހެންމެ، އެއްވެސް ތަޖުރިބާއެއް ނެތް ޒުވާނުން މަގުފުރައްދައި، ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކުރާ ކަންކަމުގެ ސަބަބުން، ދީނަށް އެއްވެސް ފައިދާއެއް ނުވެ، އެ ޒުވާނުން ޖަލުތަކުގައި ބަންދުވެގެންދާ ދިއުމާމެދުވެސް ވަނީ އިންޒާރު ދެއްވާފައެވެ.
މިފަދަ ޢިލްމުވެރިންނާއި ދިމާލަށް އެމީހުން ބުނަނީ، އެއީ އެހެން ބައެއްގެ އޭޖެންޓުން ކަމަށާއި ފިނޑިން ކަމަށާއި، ނުވަތަ ޙަޤީޤީ ޙާލަތު ނޭނގޭ ބައެއް ކަމަށެވެ. މިފަދަ މީހުންނަކީ ނަޞޭޙަތް އަޑުއަހާނެ ބައެއް ނޫނެވެ.
ޅެންވެރިއަކު ބުނެފައިވާ ފަދައިންނެވެ: ;ކަލޭ ތިޔަ ގޮވަނީ ދިރިހުރި މީހަކަށް ނަމަ، އެ އަޑު އިވުނީހެވެ. ނަމަވެސް، ކަލޭ ތިޔަ ގޮވާ މީހެއްގެ ކިބައިގައި އެއްވެސް ދިރުމެއް ނެތެވެ.;

އިޚްލާޞްތެރިކަމާއެކު ނަޞޭޙަތްތެރިވާ ފިޤުހުވެރި ޢިލްމުވެރިންނާއި، ޙިކުމަތްތެރި ތެދުވެރިންނަކީ މުޖުތަމަޢު ބިނާކުރުމުގެ މައިބަދައެވެ.
އަޅުގަނޑު ދަންނަވާނީ މާތްﷲގެ މަގަށް ގޮވާލުމުގައި، ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ މަންހަޖުގައި ސާބިތުވެ ތިއްބެވި ސަލަފުއްޞާލިޙު ޢިލްމުވެރިންގެ މަގުން ހިނގިނަމަ، ދުނިޔޭގެ އެތައް ބަޔަކު އިސްލާމްދީނަށް ލޯބިޖެހި، އިންސާނާގެ ފިޠުރަތާއި އެއްގޮތަށް އެދަޢުވަތު އަމިއްލަ އިޚްތިޔާރުގައި ޤަބޫލުކުރީހެވެ.

ނަމަވެސް، ސަލަފުއްޞާލިޙު ޢިލްމުވެރިންގެ މަންހަޖާއި ޚިލާފަށް، އަމިއްލަ ގޮތްތަކެއް އިޚްތިޔާރުކޮށްގެން ދަޢުވަތު ދޭން އުޅޭ މީހުންނަށް އެދެވޭ އެއްވެސް ނަތީޖާއެއް ހާސިލެއް ނުކުރެވުނެވެ. އެބައިމީހުން ބޭކާރު ގޮތުގައި ވަގުތުތަކާއި ހަކަތަ ނަގާލީއެވެ.
މިފަދަ ހައްދުފަހަނަޅާފައިވާ ފިކުރުތަކުގެ ނަތީޖާއެއްގެ ގޮތުން، ސަޢޫދީގެ ކުރީގެ ރަސްގެފާނު ޢަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން އާލް ސުޢޫދު (ރަޙިމަހުﷲ) އަށް ދެވުނު އަނިޔާވެރި ޓެރަރިސްޓް ޙަމަލާއަކީ އޭގެ ހިތާމަވެރި މިސާލެކެވެ.

އަދި ހިޖުރައިން 1400 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަހު ހިނގައިދިޔަ ބިރުވެރި ޓެރަރިސްޓް ހަމަލާއަކީވެސް މިފަދަ ހައްދުފަހަނަޅާފައިވާ ބަޔަކު ހިންގި ޖަރީމާއެކެވެ. މުޙައްމަދު ބިން ޢަބްދުﷲ އަލްޤަޙްޠާނީ (އަމިއްލައަށް މަހުދީގެ ގޮތުގައި ދައުވާކުރި މީހާ) އާއި، އޭނާއަށް ހިތްވަރުދީ ވާހަކަދެއްކި ޖުހައިމާން ބިން ސައިފް އަލްޢުތައިބީ އިސްވެ ތިބެ، ހަތިޔާރާއި ވަޒަނާއެކު މަސްޖިދުލް ޙަރާމަށް ވަދެގަތެވެ. އެމީހުން ވަނީ ބިރުދައްކައި، މީހުން މަރައި، މަޖުބޫރުން އެ ;މަހުދީ; އަށް ބައިޢަތު ހިފުމަށް ގޮވައިލާފަ އެވެ.

އާންމު މުސްލިމުންނާއި ހަރަމްފުޅުގެ އަހުލުވެރިންގެ ލޭއޮހޮރުވައި ބޮޑެތި އަނިޔާތަކެއްދިނެވެ. އިލްމުވެރިން އެމީހުންނަށް
ޝަރުޢީ ހުކުމްތަކަށް ތަބާވުމަށް ނަސޭހަތްތެރިވެ ގޮވައިލެއްވިއެވެ. މާތް ﷲ އަށް ބިރުވެތިވުމަށް އެބައިމީހުންނަށް ނަސޭހަތްތެރިވެވުނެވެ.

ނަމަވެސް، ނުބައިކަމާއި، ފަސާދައާއި، ފާފަކުރުމާއި، އުރެދުމާއި، އަދި ގޮތްދޫނުކުރުމުގައި ކުރިއަށް ދިއުން ނޫން ކަމެއް އެބައިމީހުން ގަބޫލެއް ނުކުރިއެވެ. އެހިނދު ސައުދީ ސިފައިންގެ ތެރެއިން ހިތްވަރުގަދަ، ތައުހީދުގެ އަހުލުވެރި، މާތް ﷲ ގެ ލަޝްކަރުގެ ސިފައިން އެބައިމީހުންނާ ކުރިމަތިލައި، އަމާންދިނުމަށް މަޖުބޫރުކުރުވިއެވެ. އަދި އޭގެ ތެރެއިން ސަތޭކަ ހަތްދިހަ މީހުން ދިރިތިއްބާ ހައްޔަރުކޮށް، ސުވާލުކުރުމަށްފަހު އެބައިމީހުންގެ މައްޗަށް މާތް ﷲ ގެ ޝަރުޢީ ހުކުމް ތަންފީޒުކުރެވުނެވެ.

އެގޮތުން ފަސްދޮޅަސް ތިން މީހެއްގެ މައްޗަށް ގަތުލުގެ ހުކުމް ތަންފީޒުކުރެވުނުއިރު، ބާކީ ތިބި މީހުންނަށް ޖަލަށްލުމާއި ތަޢުޒީރުގެ އުގޫބާތް ދެވުނެވެ. މިގޮތުގެ މަތިން، އެ ނުބައި ޓެރަރިސްޓު ޖަމާޢަތުގެ ކިބައިން މާތްވެގެންވާ ހަރަމްފުޅު ތާހިރުކުރެވުނެވެ.
ހިތާމައަކީ، އެބައިމީހުންގެ އަމިއްލަ ނަފްސަށް ;ޖަމާއަތުލް ހަދީޘް; ގެ ނަމުން ނަން ދީފައިވުމެވެ. އަޅުގަނޑު ދަންނަވާނީ، އެބައިމީހުން ހަދީޘްފުޅުތަކުގެ ބައެއް ލަފްޒުތައް ދަސްކޮށްފައިވީ ނަމަވެސް އޭގެ މާނައާއި މަގްސަދު ދެނެގަތުމުގެ ތައުފީގުން އެބައިމީހުން ވަނީ މަހުރޫމްވެފައެވެ.

ނޯޓް: މި ލިޔުމަކީ ޢައްލާމާ ޒައިދު ބިން މުޙައްމަދު އަލްމަދްޚަލީގެ ލިޔުއްވުމެއްގެ ޚުލާސާ ތަރުޖަމާއެކެވެ.
ތަރުޖަމާ: އަޙްމަދު ރިމާޒު