Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

ހިސާބު އިލްމު ހަރުދަނާ ކުރުމަކީ އިންވެސްޓްމެންޓެއް

ހިސާބު އިލްމު ކުރިއެރުވުމަކީ ހަމައެކަނި ތައުލީމީ ލަނޑުދަނޑިއެއް ހާސިލުކުރުން ނޫންކަމަށާއި، އެއީ ރާއްޖޭގެ މުސްތަގްބަލުގެ ވިލުންތެރިކަމާއި، ފާގަތިކަމާއި، ކުރިއެރުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ހިސާބު އިލްމު އުނގަންނައިދިނުމުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ބޭނުންކުރުމާ ބެހޭގޮތުން ލިޔެފައިވާ "މެތަމެޓިކަލް ތިންކިން އިން ދަ މޯލްޑިވްސް – އެތުނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން" ފޮތް، މިއަދު ހެނދުނު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގައި، އިފްތިތާހްކޮށްދެއްވައި، ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، ހިސާބަކީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކަށް ބަރޯސާވެފައިވާ އެއްޗެއް ނޫންކަން މި ފޮތުން ސާބިތުކޮށްދޭ ކަމަށެވެ.

ސާޖިދާ ވިދާޅުވީ، ހިސާބު އިލްމުގެ ހަމަތަކާއި ވިސްނުމަކީ ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރޭގައި ޒަމާނުއްސުރެ ލާމެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން މަސްވެރިކަމާއި، އޮޑިދޯނިފަހަރު ބަނުމާއި، ދަތުރުފަތުރުކުރުމުގެ ނިޔަމިކަމާއި، ވިޔުމުގެ މަސައްކަތްތަކާއި، ދަނޑުވެރިކަމުގެ އިތުރުން އިމާރާތްކުރުން ފަދަ ސަގާފީ މަސައްކަތްތަކުގައި ހިސާބު އިލްމުގެ ތަސައްވުރުތަކާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް އެކުލެވިގެންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިންގެ ސަގާފަތާއި އަމަލީ ތަޖުރިބާތަކާ ގުޅުވައިގެން ހިސާބު އިލްމު އުނގަންނައިދިނުމުން، ދަރިވަރުންނަށް އެއީ މާނަވީ، ޝައުގުވެރި އަދި ދިރިއުޅުމާ ގުޅުންހުރި ފިލާވަޅުތަކަކަށް ވެގެންދާނެ ކަމަށާއި، ތައުލީމުގެ ތެރެއިން އަމިއްލަ ސަގާފަތް ފެންނަން ހުރުމަކީ ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ކިޔެވުމަށް ދޭ ޝައުގުވެރިކަން އިތުރުވެ، ހިސާބު އިލްމަށް ދޭ ލޯބި ފުންވެގެންދާނެ ކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، ޖީލުން ޖީލަށް ވާރުތަވަމުން އައިސްފައިވާ ދިވެހިންގެ ސަގާފީ އިލްމުތައް މި ފޮތުގައި ލިޔެ ރައްކާކޮށްފައިވުމަކީ، ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކޮށްދިން ވަރަށް އަގުހުރި ހިދުމަތެއްކަން ބަޔާންކުރައްވާ، މިފަދަ އިލްމީ ތަރިކަ ހިމާޔަތްކުރުމަކީ ގައުމިއްޔަތު ވަރުގަދަކޮށްދިނުމުގެ އިތުރުން، ތައުލީމަށާއި، ދިރާސާއަށާއި، ގައުމީ ތަރައްގީއަށްވެސް ބާރުދޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ، ހާއްސަކޮށް ޒުވާނުންގެ މެދުގައި ހިސާބު އިލްމަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ، އީޖާދީ ކުރިއެރުންތަކަށާއި، ފަންނިއްޔާތު ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ހިސާބު އިލްމުގެ ހުނަރުތައް ކޮންމެހެން ބޭނުންތެރި ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، މި ފޮތުގެ ސަބަބުން ތައުލީމީ ދާއިރާގެ ބޭފުޅުންނަށާއި، ދަރިވަރުންނަށް އަދި ދިރާސާކުރައްވާ ފަރާތްތަކަށް ދިވެހި މުޖުތަމައުތަކުގައި އެކުލެވޭ މުއްސަނދި އިލްމުތައް އިތުރަށް ހޯދައި ދިރާސާކުރުމަށް އާ ހިތްވަރެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދިވެރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވި މި ފޮތަކީ، އެތުނޯމެތަމެޓިކްސްގެ ދާއިރާއިން ކުރެވޭ ދިރާސާތަކަށް ލިބުނު ކުރިއެރުމެއްގެ އިތުރުން، ރާއްޖޭގެ ސަގާފީ ތަރިކައިގެ އެހީގައި ހިސާބު އިލްމުގެ ތައުލީމާއި ކަރިކިއުލަމް އިތުރަށް މުއްސަނދިކުރެވޭނެ ގޮތްތައް ބަޔާންކޮށްދޭ މުހިންމު ފޮތެކެވެ.