އައްޑޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ގޮތްޕެއް މި އަހަރު ނިމުމުގެ ކުރިން ހުޅުވައި ދިނުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން އެދިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އިސްލާމިކް ބޭންކުގެ ސީއީއޯ ހާރިޝް ހާރޫން ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދުގެ އެދިވަޑައިގަތުމުގެ މަތިން އައްޑޫގައި އެ ބެންކުގެ ގޮތްޕެއް ހެދުމަށްޓަކައި ވަކި ފްރޭމްވޯކެއް އެކުލަވާލައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދާދި ފަހުން އިސްލާމިކް މިނިސްޓަރު އައްޑު އަށް ވަޑައިގަތް ދަތުރުގައި "އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އައްޑޫގައި އެމްއަބީގެ ގޮތްޕެއް ހުރުން މުހިއްމު ކަމަށެވެ. އަދި އެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އަދާލަތު ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ބޭއްވި ޖަލްސާގައި ވެސް ހިތަދޫގައި އިސްލާމިކް ބޭންކްގެ ގޮތްޕެއް ހުޅުވައި ދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ އައްޑޫގައި އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވައި ދިނުމަށް މިއަދު ރަސްމީކޮށް އެދިފައިވާ ކަމަށެވެ.