ތަޢާރަފް:
އުއްމަތުގެ ސަލަފުއްޞާލިޙުން ޤުރުއާނާމެދު ޢަމަލުފުޅު ބެހެއްޓެވީ ކޮން ގޮތަކަށްތޯ އެވެ؟ އަދި އެ ޤުރުއާނާ އަޅުގަނޑުމެންނާ ދެމެދު އޮތީ ކިހާ ވަރެއްގެ ގުޅުމެއްތޯ އެވެ؟ އެއާމެދު އަޅުގަނޑުމެންނަށް މުޢާމަލާތު ކުރެވެނީ ކޮން ގޮތަކަށްތޯ އެވެ؟ ޖަވާބު ވަރަށް ވެސް ސާފެވެ.
އެހެންކަމުން، އެހެން ސުވާލެއް، އަޅުގަނޑުމެންގެ ނަފްސުތަކާ ކޮށްލަމާ ހިނގާށެވެ. އެގުޅުން ހީނަރުވެފައި ވަނީ ކީއްވެތޯ އެވެ؟ ފޮތާއި ނޫސްމަޖައްލާ ފަދަ ތަކެތި ކިޔަން ކޮންމެ ދުވަހަކު ވެސް އެތައް ގަޑި އިރެއް އަޅުގަނޑުމެން ހޭދަކުރަމުއެވެ. މީސްމީޑިއާގައި އެތައް ވަޤުތެއް ހޭދަކުރެވެ އެވެ. ޓްވިޓާ އާއި ފޭސްބުކުން ‘އަރައިނުގަނެވެޔޭ” ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.
ނަމަވެސް، އެ މާތް ފޮތް ކިޔަވައި ތިލާވަތުކޮށްލަން އަޅުގަނޑުމެންނަށް ވަޤުތު ނުވަނީ ކީއްވެތޯއެވެ؟ އެމާތްފޮތުން ދުވަސްފެށުމުގެ ބަދަލުގައި ފޭސްބުކުން ދުވަސް ފެށެނީ ކީއްވެގެންތޯ އެވެ؟ މިއީ ހައްތަހާވެސް ޖަވާބުބޭނުންވާ ސުވާލުތަކެވެ. ފަރުވާކޮށް ޢިލާޖުކުރަންޖެހިފައިވާ މައްސަލައެކެވެ.
ޤުރުއާނަކީ މީޒާނެކެވެ:
ހަމަކަށަވަރުން، އުއްމަތުގެ ވަރުގަދަކަމާއި ބަލިކަށިކަން އަދި ޢިއްޒަތާއި ނިކަމެތިކަން ކިރާލެވޭނެ މީޒާނަކީ ކީރިތި ޤުރުއާނާ މެދު އަޅުގަނޑުމެން ބާއްވާ ގުޅުމެވެ. މިކަމަށް އިޝާރާތްކުރައްވާ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައި ވަނީ «إنَّ الله – تعالى – يرفع بهذا الكتاب أقواماً، ويضع به آخرين» މިފަދައިންނެވެ. މާނައީ:” މި ފޮތުގެ ޒަރީޔާއިން މާތް ﷲ ބަޔަކު މީހުން މަތިވެރިކުރައްވާނެއެވެ. އަދި އަނެއްބައިމީހުން ނިކަމެތިކުރައްވާނެއެވެ.” ( ޞަޙީޙް މުސްލިމް)
ވީމާ، ވަކިވަކި ފަރުދުންނާއި ޤައުމުތައްވެސް، މިމީޒާނުގައި ހިމެނިގެންދާނެއެވެ. ހަމަކަށަވަރުން ކީރިތި ޤުރުއާނާ ގުޅުން ބަދަހިކޮށްފި މީހެއްނަމަ އެމީހަކަށް މަތިވެރިކަމާއި ޢިއްޒަތްލިބޭނެއެވެ. އަދި މި ޤުރުއާނަށް ފުރަގަސްދީ މޫނު އަނބުރާލައިފި މީހެއްނަމަ ނިކަމެތިކަމާއި އިހާނެތިކަން އެމީހަކަށް ލިބޭނެއެވެ.
ޤުރުއާނާއި ސަލަފުއްޞާލިހުން:
ހަމަކަށަވަރުން، އިސްވެދިޔަ ނަބަވީ އިރުޝާދުގައި ހިއްޕަވައި، އުއްމަތުގެ ސަލަފުއްޞާލިހުންވަނީ ޤުރުއާނުގެ މަޤާމަކީ ކޮބައިކަން ވަރަށް ރަނގަޅަށް ދެނެވަޑައިގެންފައެވެ. އެގޮތުން، އެބޭކަލުން ދެކެވަޑައިގަތީ، ޤުރުއާނަކީ އެބޭކަލުންގެ ހަޔާތް އޭގެ މައްޗަށް ބިނާވާ ތަނބެއްކަމުގައެވެ. އެއީ ހަމައެކަނި ތިލާވަތުކުރުމަކުން ނޫނެވެ. ތިލާވަތުކުރުމާއި އެފޮތުގައިވާ ޙުކުމްތައް ކިޔަވާ ދިރަސާކުރުމާއި، މީސްތަކުންނަށް އެފޮތް ކިޔަވައިދެއްވައި، އަދި އެފޮތުގައިވާ ޙުކުމްތަކަށް ޢަމަލީ މައިދާނުގައި ތަޠްބީޤުކުރުމާވެސް އެކުގައެވެ.
ހަމަ އެފަދައިން، އެބޭކަލުންގެ ދަރީން، އެންމެ ފުރަތަމަ އުނގެނި ދަސްކުރާ އެއްޗަކީ ޤުރުއާނު ކަމުގައި ހެއްދެވިއެވެ. އެގޮތުން، ޤުރުއާނުގެ މައްޗަށް އެބޭކަލުންގެ އަހުލުންނާއި ދަރިން ތަރުބިއްޔަތު ވެގެން ދިޔައެވެ. އަދި މަދަރުސާތަކުގެ އަސާސީ ތަނބަކީ ޤުރުއާންކަމުގައި ހިމެނިގެންދިޔައެވެ. މިސްކިތްތައް، ޤުރުއާނުގެ ހަލަޤާތުތަކުން އިޙްޔާވެ ދިރިގެން ދިޔައެވެ. އެހެންކަމުން، އެބައިމީހުންގެ އަޅުމާއި ނަމާދާއި، ދަތުރުފަތުރާއި، ﷲ ގެ މަގުގައި ޖިހާދުކުރުމާއި، މިނޫންވެސް ހުރިހާ ކަމެއް ބިނާވެގެންދިޔައީ ޤުރުއާނުގެ މައްޗަށެވެ.
ހަޤީޤަތުގައިވެސް، އެބޭކަލުންނަކީ، ޤުރުއާނުން އެބޭކަލުންގެ ދުނިޔެވީ ހަޔާތް އިޙްޔާކުރައްވައި އުޅުއްވި ބޭކަލުންނެވެ. އެގޮތުން، މާތް ﷲ، އެބައިމީހުންގެ ޙަޔާތަކީ ޤަދަރުވެރި މަތިވެރި ޙަޔާތެއް ކަމުގައި ލެއްވިއެވެ.
އަލްހަސަނުލްބަޞްރީ رحمه الله– އުއްމަތުގެ ސަލަފުން ސިފަކުރައްވަމުން- ވިދާޅުވެފައިވަނީ މިފަދައިންނެވެ. ”ހަމަކަށަވަރުން، ކަލޭމެންގެ ކުރީގެމީހުން ޤުރުއާނާމެދު ދެކުނީ އެއީ އެބައިމީހުންގެ ވެރި ރައްބުގެ މެސެއްޖެއްގެ ގޮތުގައެވެ. އެގޮތުން ރޭގަނޑު އެޤުރުއާނުގެ މޫރިތި އާޔަތްތަކާމެދު އެބައިމީހުން ވިސްނާ ފިކުރުކުރެއެވެ. އަދި ދުވާލުގަނޑީގައި އެއާޔަތްތަކުގައިވާ ޙުކުމްތަކަށް ބޯލަނބައި ކިޔަމަންވެ، އެޙުކުމްތައް ޙަޔާތުގެ މައިދާންތަކުގައި އެބައިމީހުން ތަންފީޒުކުރެއެވެ”.
މާތްވި ޤުރުއާނާމެދު މުޢާމަލާތް ކުރަންޖެހޭ ގޮތަކީ އެއީއެވެ. ލައްޒަތާއި ފޮނިކަން ލިބޭ އަޅުކަމެއްގެ ގޮތުގައެވެ. މާތް ﷲ ހަނދުމަކޮށް، ކުރެވޭ ޒިކުރެއްގެ ގޮތުގައެވެ. އަދި، އެ ޤުރުއާނާމެދު ވިސްނާ ފިކުރުކޮށް، ޢަމަލީ މައިދާނުގައި އޭގައިވާ މެސެޖު ތަންފީޒުކުރެވޭ އެއްޗެއްގެ ގޮތުގައެވެ.
ޤުރުއާނަކީ އިސްލާމީ އުއްމަތުގެ ތަޢުލީމުގެ އަސާސެވެ:
ބަޔާންވެ ދިޔަ ފަދައިން، އުއްމަތުގެ ސަލަފުއްޞާލިޙުން، އެބައިމީހުންގެ ޙަޔާތުގެ މަންހަޖެއްގެ ގޮތުގައި ބެއްލެވީ ކީރިތި ޤުރުއާނެވެ. އެގޮތުން، ކީރިތި ޤުރުއާނުގެ ޢިލްމަކީ އެބޭކަލުން އެންމެ ފުރަތަމަ އުނގެނި ދަސްކުރާ ޢިލްމެވެ. ޤުރުއާނުގެ ޢިލްމު ރަނގަޅަށް ދަސްކުރެއްވުމަށްފަހު ނޫނީ އެހެން އެއްވެސް ޢިލްމަކާ ދިމާލަށް އެބޭކަލުންނެއް ދަތުރެއް ނުކުރައްވައެވެ. އެހެނީ، އެހެނިހެން ޢިލްމުތަކާއި، ފަންނުތަކަކީ، ޤުރުއާނުގެ ޢިލްމާއި ޖެހިގެން އަންނަ އެއްޗެއް ކަމުގައިވާތީއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި، އެކަލޭގެފާނުގެ އަރިހަށް އިސްލާމްވުމަށްޓަކައި، އެކިއެކި ތަންތަނުން އަންނަ ވަފުދުތައް، އިސްލާމްވެ، ބައެޢަތު ހިފުމަށްފަހު، ދެން ކުރާ އެންމެ ފުރަތަމަ ކަމަކީ، ދީނުގެ ރުކުންތައް ދަސްކުރުމެވެ. ދެން ޤުރުއާން ކިޔަވަން ދަސްކުރުމެވެ. އަދި އެއަށް ފަހު، އެމީހުންނަށް ފުރުޞަތު ލިބުނު މިންވަރަކުން، އެކަލޭގެފާނުގެ މާތްވި އަޚްލާޤާއި ސުންނަތް ދަސްކުރެއެވެ. ދެން އެއަށްފަހު، އިސްލާމްދީނުގެ ޝިޢާރާއިގެން، ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާ صلى الله عليه وسلم ގެ އިރުޝާދާގެން، އެނބުރި އެބައިމީހުންގެ އަވަށްތަކާއި ރަށްރަށަށް، ދާޢީންގެ ގޮތުގައި ދަތުރުކުރެއެވެ.
އެހެންކަމުން، ސަލަފުއްޞާލިހުންގެ ޢިލްމުވެރީންގެ އަރިހުގައި، ޝަރުޢީ ޢިލްމު އުނގެނެން ބޭނުންވާ ކުއްޖާ، އެންމެ ފުރަތަމަ ދާން ޖެހެނީ ޤުރުއާން ހިތުދަސްކުރާ ކުލާހަކަށެވެ. އެގޮތުން، ޝަރުޢީ ޢިލްމާއި އަދިވެސް އެހެނިހެން ފަންނުތަކުގެ ޢިލްމު، ޤުރުއާން ހިތުދަސްކުރުމުގެ ކުރީން އުނގެނުމަކީ، އުއްމަތުގެ ސަލަފުންގެ އަރިހުގައި އެދެވިގެންވާ ކަމެއްނޫނެވެ.
ޚުލާޞާއަކީ، އިސްލާމީ އުއްމަތުގެ ތަޢުލީމުގެ އަސާސަކީ އަދި ތަނބަކީ ޤުރުއާނާއި އެއާއި ގުޅިފައިވާ ޢިލްމާއި ތަފްސީރެވެ.
ޤުރުއާނާ އަޅުގަނޑުމެން ގުޅުން ބަދަހިކުރާނީ ކިހިނެއް؟
އުއްމަތުގެ ސަލަފުން ޤުރުއާނަށް ދެއްވި އަހައްމިއްޔަތުގެ ވާހަކަތައް ބަޔާންވެހިނގައްޖެއެވެ. އެވާހަކަތަކުގެ މައްޗަށް އެބޭކަލުންނާ އަޅުގަނޑުމެނާ ހުރި ތަފާތު ވަޒަންކޮށްލައްވާށެވެ. މިއާއެކު، ދެން އުފެދޭ ސުވާލަކީ، އަޅުގަނޑުމެންގެ މި ބަލިކަށިކަމާއި، މިމާތްމަތިވެރި ފޮތާދެމެދުގައި ގުޅުންބަދަހިކޮށްލެވޭނެ ގޮތްތަކަކީ ކޮބައިތޯއެވެ؟
އެގޮތުން، ޖަވާބަކީ، އާދޭހެވެ. ވަރަށް ގިނަ ގޮތްގޮތް އެބަހުއްޓެވެ. އެހެނީ، ކީރިތި ޤުރުއާނަށް އެއްވެސް ބަދަލެއް، އުނިއިތުރެއް ނައިސް، މާތް ﷲ ބާއްވައިލެއްވި ގޮތަށް އަދިވެސް އަޅުގަނޑުމެންގެ އަތްމަތީގައި އެބައޮތެވެ. ނަމަވެސް، ބަދަލުވީ، އަޅުގަނޑުމެންނެވެ. ބަދަލު އައީ، ޤުރުއާނާ މެދުގައި އަޅުގަނޑުމެން ގެންގުޅެންޖެހޭ މިންގަޑާއި ސުލޫކާއި އަދަބަށެވެ.
މިގުޅުން ރަނގަޅު ކުރުމަށްޓަކައި އަންނަވި ކަންކަން ކުރެވިދާނެއެވެ.
1. ކީރިތި ޤުރުއާނުގެ މަޤާމަކީ ކޮބައިކަން ރަނގަޅަށް ދަނެގަތުން. އެގޮތުން، އެއީ މާތް ﷲ ގެ ކަލާމްފުޅުކާމާއި އެއްވެސް އިންސިއެއްގެ އަދި ޖިންނިއެއްގެވެސް ކަލާމާ އެއްފަދަ ނުކުރެވޭނެކަން ދަތުން.
2. ކީރިތި ޤުރުއާނުގައިވާ ހުރިހާ ޙުކުމްފުޅުތަކަކީ އެއަށް އަޅުގަނޑުމެންގެ ބޯލަނބައި، ކިޔަމަންވާންޖެހޭ ޙުކުމްފުޅުތަކެއްކަން ދަތުން. އެފޮތުގައި އިންސާނީ ޙަޔާތަށް ބޭނުންވާނެ ހުރިހާ ކަމެއް، އަޚްލާޤިއްޔާތާއި ޝަރީޢަތާއި އިޖްތިމާޢިއްޔާތާއި މުޢާމަލާތާ، ހުރިހާ ކަމެއް ޝާމިލުވެފައިވާ ކަން ދަނެގަތުން.
3. ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނައާމެދު ވިސްނާ ފިކުރުކުރުން. ޢަރަބިއެނގޭ މީހަކުނަމަ ތަފްސީރު ކިޔުން. ޢަރަބި ނޭނގޭ މީހަކުނަމަ، ދިވެހި ތަރުޖަމާ ނުވަތަ އިނގިރޭސި ތަރުޖަމާއެއް މެދުވެރިކޮށް، އާޔަތްތަކުގެ މުރާދާ މެދު ވިސްނުން. ކީރިތި ޤުރުއާނުގެ އާޔަތްތަކާމެދު ތަދައްބުރުކުރުން. އެހެނީ، ކީރިތި ޤުރުއާނު ބާއްވައިލެއްވުނީ، އެޤުރުއާނު ތިލާވަތުކުރުމާއެކު އެޤުރުއާނުގައިވާ އާޔަތްތަކަށް ބޯލަނބައި ކިޔަމަންގަނެ، އެއާމެދު ވިސްނައިފިކުރުކޮށް ތަދައްބުރުކުރުމަށެވެ.
4. ކީރިތި ޤުރުއާން ތަޖުވީދުމަގުން ކިޔަވަން މަސައްކަތްކުރުން. އެފަދައިން ދަސްކޮށްދޭ ކުލާސްތަކުގައި ބައިވެރިވުން. އަދި އެއަށްފަހު ޤުރުއާން ހިތުދަސްކުރުމަށް މަސައްކަތްކުރުން.
5. ކީރިތި ޤުރުއާން ކިޔަވާއިރު، ތިމަންނާގެ މިޢަމަލު، މާތް ﷲ ބައްލަވާ ވޮޑިގެންވާކަން ދަނެހުރެ ކިޔެވުން. އިޚްލާޞްތެރި ހިތަކުން ކީރިތި ޤުރުއާނު ކިޔެވުން. އެހެނީ، ކީރިތި ޤުރުއާން ކިޔެވުމަކީވެސް އަޅުކަމެކެވެ. މުސްލިމް އަޅާ ކުރާ އަޅުކަމެއްގައި ހިމެނެންޖެހޭ އެންމެ އަސާސީ ޝަރުޠަކީ މާތް ﷲ އަށް އިޚްލާޞްތެރިކަމާއެކު އެއަޅުކަމެއްކުރުމެވެ.
6.ކީރިތި ޤުރުއާނުގެ މާތްކަމާއި މަތިވެރި ކަމާބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވާ ޙަދީޘްފުޅުތައް ބަލައި ދިރާސާކުރުން.
7. ކީރިތި ޤުރުއާނަކީ ޝިފާއެއްކަން ދަނެގަތުން. އަދި ރަޙްމަތެއްކަން ދަނެގަތުން. އެކިޔެވޭ ގެއެކަށް ރަޙްމަތުގެ މަލާއިކަތުން ކުއްތަންވާނެކަން ދަތުން. އަދި ނުބައި ނުލަފާ ޖިންނި ޝައިޠާނުން އެތަނަކުން ފިލައި ރައްކާވާނެކަން ދަތުން.
އިސްވެ ދެންނެވުނު ނުކުތާތަކަކީ، ޤުރުއާނުން އަހަރެމެންގެ ޙަޔާތް އިޙްޔާކުރެވިދާނެ ގޮތްތައް ބަޔާންކޮށް ހިމަނާލެވިފައިވާ ނުކުތާތަކެވެ. މީގެ އިތުރުންވެސް ކުރެވިދާނެ ބައިވަރު ކަންކަން ހުންނާނެއެވެ.
އަޅުގަނޑުމެންގެ ހިތްތަކަކީ ޤުރުއާނުން އިޙްޔާވެ ތަޒާވެގެންދާ ހިތްތަކެއްކަމުގައި ލެއްވުމަށް ގަދަ ކީރިތިވަންތަ ﷲ ގެ ޙަޟްރަތަށް ދުޢާދަންނަވާ ޙާލު މިލިޔުން ނިންމާލަމެވެ. އާމީން!
ނޯޓް: މިއީ ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމެކެވެ.