Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

ޑރ. ފަޒްނާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އާމިނަތު ފަޒްނާ ނިޔާވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުންނަށް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

ފަޒްނާ އަކީ ޑިވެލޮޕްމަންޓް ޕީޑިއެޓްރިކްސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރެއްވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ. ގދ. ގައްދު އަށް އުފަން ފަޒްނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯދާތާ ދުވަސްތަކެއް ފަހުން މިއަދު އައިޖީއެމްއެޗްގަ އެވެ.

ފަޒްނާ، 47، މަތީ ތައުލީމު ހާސިލު ކުރެއްވީ ނެޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާ އާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންނެވެ. އޭނާ ރާއްޖެ ވަޑައިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހިދުމަތް ކުރަން ފެށީ އޮކްޓޯބަރު، 2024، ގަ އެވެ.

އައިޖީއެމްއެޗްގެ އިތުރުން އޭނަ ފަރުވާ ކްލިނިކާއި ކުލުނު ކްލިނިކް އަދި ސްޕެކްޓްރަމް ޗިލްރެން ޑިވެލޮޕްމަންޓް ސެންޓަރުގައި ވެސް ފަޒްނާ މަސައްކަތް ކުރައްވަމުން ގެންދެވި އެވެ.

ފަޒްނާގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިރޭ އިޝާ ނަމާދަށް ފަހު މާލޭގެ އާސަހަރާ މިސްކިތުގަ އެވެ.