Last Updated: July 12, 00:08
Saturday, July 11, 2026
ކުޅިވަރު

މޮރޮކޯ ބަލިކޮށް ފްރާންސް ސެމީއަށް

މޮރޮކޯ 2-0 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ފްރާންސް ދަތުރުކޮށްފި އެވެ.

ސެމީގައި ފްރާންސް ބައްދަލުކުރާނީ ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރާ ކުއާޓާފައިނަލްގެ މެޗުން މޮޅުވާ ޓީމަކާ އެވެ.

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފްރާންސުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 28 ވަނަ މިނެޓްގައި ލީޑު ނަގަން ފްރާންސަށް ޕެނަލްޓީއެއް ލިބުނެވެ. ކިލިއަން އެމްބާޕޭ އަށް މޮރޮކޯގެ ޑިފެންޑަރު މަޒަރާއީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެމްބާޕޭ ފޮނުވާލި ނަމަވެސް، އެ ޕެނަލްޓީ މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ ކުރިން ފްރާންސްގެ ޑިފެންޑަރު އުޕަމެކާނޯ ބޮލުން ފޮނުވާލި ހަމަލާއެއް ވެސް ބޯނޯ މަތަކުރި އެވެ.

ދެވަނަ ހާފުގައި ވެސް ފްރާންސުން ކުރިއަށް ޖެހިލައިގެން ދިޔައީ މޮރޮކޯގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ފްރާންސަށް ލީޑު ނަގައިދީފަ އެވެ. މޮރޮކޯގެ އޭރިއާގެ ބޭރުގައި ހުރެ އެމްބާޕޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި އަށްވަނަ ގޯލެވެ.

އޭގެ ހަ މިނެޓް ފަހުން ފްރާންސުން ދެވަނަ ގޯލެއް ކާމިޔާބުކުރިއިރު، މިއީ މޮރޮކޯގެ އޭރިއާގެ ބޭރުގައި ހުރެ ތިރިތިރިން ފޮނުވާލި ހަމަލާއަކުން އޮސްމާނޭ ޑެމްބެލޭ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލަށްފަހު ވެސް ފްރާންސަށް ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

މިއީ 34 މެޗަށްފަހު މޮރޮކޯ ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ.