Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

މާލޭ ކައުންސިލްގެ ޑިވެލޮޕްމެންޓް ޕްލޭނުގައި 1.5 ބިލިއަންގެ މަޝްރޫއު

މާލެ ސިޓީ ކައުންސިލުގެ މެދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ކައުންސިލްގެ ޑިވެލޮޕްމަންޓް ޕްލޭންގައި ކަނޑައަޅައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މި އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ހާމަކުރި މި ޑިވޮލޮޕްމަންޓް ޕްލޭންގައިވާ ގޮތުން، މި މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ރާވާފައިވަނީ، ޕްރަވައިޓް ސެކްޓާއަށް އާންމުކޮށް ހުޅުވާލައިގެންނެވެ.

އެގޮތުން މި ޕްލޭންގައި ޕާކިން ބިލްޑިން، ހައުސިން، ލަފާފުރާ ގިމަތަތައް، ޕާކާއި މައިޒާންތައް އަދި ކޮމާޝަލް ބިލްޑިން ހިމެނެ އެވެ.

ޢާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ކައުންސިލުގެ ބިންތަކާއި ޢިމާރާތްތައް ކުއްޔަށް ދޫކުރާ، ބޭސް ރޭޓް ފްރޭމްވާރކެއް އެކުލަވައިލައި ތަންފީޒުކުރުން ހިމެނެ އެވެ. ކައުންސިލްގެ މެދުރާސްތާ ޑިވޮލޮޕްމަންޓް ފައިނޭންޝަލް ޕްލޭނުގައިވާ ގޮތުން، ކައުންސިލުގައި ރިޒާވް ފަންޑެއް ޤާއިމުކޮށް، ކައުންސިލަށް ޢާމްދަނީ އިތުވާނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރުން ހިމެނެއެވެ.

ކައުންސިލްގެ ޢާމްދަނީ އިތުރުކުރުމަށް ޓަކައި ޚަރަދު ކުޑަކުރުމަށް ކުރަން ނިންމައިފައިވާ ކަންތައްތަކުގެ ތެރޭގައި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ހިމެނެއެވެ.

ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދު، ބަޖެޓްގެ ނިސްބަތުން އަހަރުން އަހަރަށް އިތުރުވަމުންދާތީ އެ ޚަރަދު ކުޑަކުރުމަށް، މި ޕްލޭންގައި ގޮތްތަކެއް ކަނޑަޅައިފައިވެއެވެ. މި ގޮތުން ކުރަން ނިންމި އެއްކަމަކީ، ކައުންސިލުގެ އިދާރީ ހިންގުމުގައި "ޑިޖިޓަލް-ފަސްޓް" ސިޔާސަތެއް އެކުލަވައިލައި ތަންފީކުރުމެވެ.

ކައުންސިލުގެ އިދާރީ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެވި، އިދާރީ ހިންގުމުގެ ޚިދުމަތް ދިނުމަށް، މިހާރު ކުއްޔަށް ހިފައިފައިވާ ޢިމާރާތްތައް ދޫކޮށްލުމާއި ޕްރޮކިއުމަންޓް ކަންކަން ހަރުދަނާކޮށް، ބަލްކް ޕާރޗެސިންގ ތެރެއިން، ކައުންސިލަށް ހޯދާ ތަކެތި އަގުހެޔޮކޮށް ހޯދުމަކީ ވެސް، ޚަރަދު ކުޑަކޮށްގެން ކައުންސިލްގެ ޢާމްދީ އިތުރުކުރުމަށް އަޅަން ކަނޑައަޅައިފައިވާ ފިޔަވަޅެކެވެ.