Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

މިދިޔަ މަހު މީރާއަށް 2.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

ނިމިދިޔަ ޖޫން މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން 2.9 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 14.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، މިދިޔަ އަންދާޒާ ކޮށްފައިވާ އާމްދަނީ އަށްވުރެ 14.7 އިންސައްތަ އިތުރުވި މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކުހުގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މި އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ 1.7 އިންސައްތަ އިތުރުވުމާއެކު ފަތުރުވެރިކަމާއިގުޅޭ ދައިރާތަކުން ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ (ސީ.އެސް.އާރު)، ރިޒޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ ލިބުނު ފައިސާއަކީވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. މިިދިޔަ މަހު ލިބިފައިވާ ޖުމުލަ އާމްދަނީގެ 14.3 އިންސައްތަ އަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާއެވެ. އަދި އާމްދަނީގެ 23.4 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން މަޢުލޫމާތު ދެއެވެ.

ޖޫން 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ޖޫން މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީ އާއި ބޭންކް އިންކަމް ޓެކުހުގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ. ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައިފައިވުމާއި، 2025 ވަނަ އަހަރުގެ ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ސުންގަޑިއަށް ފައިސާ ދައްކާ ނިންމާފައިވާތީއެވެ. މިދިޔަ އަހަރުގެ މޭ މަހާއި އަޅާބަލާއިރު މިއަހަރުގެ މޭ މަހުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު 1.5 އިންސައްތަ އިތުރުވެފައިވާތީ ޓުއަރިޒަމް ދާއިރާގެ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މިދިޔަ މަހު މީރާއިން ވަނީ ޖުމްލަ 465 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 286 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 79 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 72 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 26 މިލިއަން ރުފިޔާ އަދި އެކްޝަން ޕޮލިސީގެ ތެރެއިން 0.5 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. ހަމައެއާއެކު ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 0.7 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީ.ޖީ.އެސް.ޓީއެވެ. އެއީ 37.2 އިންސައްތަ ނުވަތަ 1.08 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 27.4 އިންސައްތަ ނުވަތަ 799 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ރިޒޯޓްތަކުގެ ކުލީގެ ގޮތުގައި 411 މިލިއަން ރުފިޔާ (14.1 އިންސައްތަ) ގްރީން ޓެކުހުގެ ގޮތުގައި 157 މިލިއަން ރުފިޔާ (5.4 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 135 މިލިއަން ރުފިޔާ (4.6 އިންސައްތަ) އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 134 މިލިއަން ރުފިޔާ (4.6 އިންސައްތަ) ވަނީ ލިބިފައިވެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.