Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

ބަންގާޅުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއް ރަޙްމާން ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިނިސްޓަރުގެ މި ދަތުރުގައި މިއީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާހަވާލުވެވަޑައިގަތުމުގެ ކުރިން ކުރައްވާ މުހިންމު މަސައްކަތްތަކެއް ހިމެނޭ ދަތުރުފުޅެކެވެ. އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް އޭނަ އިންތިޚާބުވެވަޑައިގަތީ މިދިޔަ މަހުގެ 2 ގަ އެވެ.

މި މަހުގެ 23 ވަނަ ފިލިޕީންސްގެ ވެރިރަށް މެނީލާގައި ފަށާ 33 ވަނަ އާސިއާން ރީޖަނަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ހަލީލުއްރަހުމާން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ.

އެގޮތުން ރާއްޖެއަށް ކުރައްވާ ދަތުރުގައި ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އދ. އާއި ބައިނަލްއަގުވާމީ އެހެނިހެން ފޯރަމްތަކުގެ ތެރެއިން ސަރަހައްދީ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ.