މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއް މެޓް އޮފީހުގެ މުވައްޒަފުންނަށް ބާއްވައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން އާއި މެޓް އޮފީސް ގުޅިގެން ކުރިއަށް ގެންދިޔަ ތިން ދުވަހުގެ "ކްލައިމެޓް މޮޑެލިން އެންޑް ޑައުންސްކޭލިން" ތަމްރީނު ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް އިއްޔެ ވަނީ ސެޓްފިކެޓް ވެސް ދީފަ އެވެ.
ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ މެޓް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ވަޙީދެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން މޫސުމީ މޮޑެލްތައް ތައްޔާރުކުރުމާއި ޑައުންސްކޭލް ކުރުމުގެ މުހިންމު ތިއަރީތަކާއި ޢަމަލީ މަސައްކަތްތަކުގެ އިތުރުން، މިކަމުގައި ބޭނުންކުރާ އުޞޫލުތައް ބައިވެރިންނަށް އުނގަންނައި ދީފައިވެ އެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ ރޭވުންތަކުގައާއި، މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގައި މޫސުމީ މަޢުލޫމާތު ބޭނުން ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވެ އެވެ.
މި ތަމްރީނަކީ ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް) ގެ އެހީތެރިކަމާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) ގެ ފަންނީ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންދާ ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން (އެންއޭޕީ) މަޝްރޫޢުގެ ދަށުން ބޭއްވި ތަމްރީނެކެވެ.