ޗައިނާގައި ބޫޓް އުފައްދާ ފެކްޓަރީއެއްގައި އިއްޔެ ރޯވި ހާދިސާއާ ގުޅިގެން 28 މީހަކު މަރުވެއްޖެ އެވެ.
ރޯވީ ފުޖިއަން ޕްރޮވިންސްގެ ޖިންޖިއަން ސިޓީގައި ހިއުޓެންގް ޝޫޒް ކުންފުނީގެ ފަރާތުން ހިންގަމުން އައި ފެކްޓަރީގަ އެވެ. ބުރިބުރި އަށް އިމާރާތްކޮށްފައިވާ އެ ފެކްޓަރީގައި ރޯވި އިރު އެތަނުގައި 240 އެއްހާ މީހުން މަސައްކަތް ކުރަމުން ދިޔަ އެވެ. އޭގެ ތެރެއިން 213 މީހަކު ސަލާމަތްކޮށްފައިވާ އިރު، ފެކްޓަރީގައި ރޯވި ހާދިސާގައި 28 މީހަކު މަރުވެ، ފެކްޓްރީ ވަނީ އެއްކޮށްހެން އަނދައިފަ އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ރޯވީ ފެކްޓަރީގެ ގްރައުންޑް ފްލޯގަ އެވެ. އޭގެ ފަހުން ފެކްޓަރީގެ އިތުރު ބައިތަކަށް އަލިފާން ފެތުރި، މުޅި ސަރަހައްދަށް ބޯ ދުމުގެ އަސަރު ވެސް ކޮޮށްފައިވެ އެވެ.
މި ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ފެކްޓަރީގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ތަހުގީގުގެ ތެރެއިން މިހާރު ވަނީ ފެކްޓަރީ ހިންގުމުގައި އެންމެ އިސްކޮށް ތިބި މީހުން ހައްޔަރުކޮށް،، ފެކްޓަރީ ހިންގާ ކުންފުނި ހިއުޓެންގްގެ ބޭންކް އެކައުންޓް ވެސް ފްރީޒްކޮށްފަ އެވެ.