Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިސަލް ޝައުގުވެރިކަން ފާޅުކޮށްފި

ފައިސަލް ނަސީމް- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ގައުމާ ދޭތެރޭގައި ދެކޭ އުއްމީދުތަކެއް އެބަހުރި ކަމަށާއި ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ނެތޭ ބުނުމުން އެކަން ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

"އެ ޝައުގުވެރިކަން އެބަ އޮތޭ، އެ އުއްމީދު އެބަ އޮތޭ، އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން، ރައްޔިތުންގެ ކައިރީގައި ދައްކާ ވާހަކަތައް އެ މީހުންނަށް ފުއްދައިދޭން ޕާޓީގެ ތެރެއިން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް ކަމަށެވެ.

"އެއީ އެކުގައި އަޅުގަނޑުމެންނަށް 2028 ކާމިޔާބު ކުރެވޭނެ ކޮންމެ ގޮތަކީ. 28، އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކޮންމެ ގޮތަކީ އެއީ އަޅުގަނޑުމެން އެކަމަކަށް އިޖާބަދޭން ޖެހޭނެ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުން ފައިސަލް ވަނީ ރިޔާސީ ޕްރައިމަރީއެއް ނިކުންނަ ކޮންމެ މީހަކަށް ވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި ނަމަވެސް މުޅި އެމްޑީޕީ އެކުގައި މަސައްކަތް ކޮށްފިނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވިދާޅުވެފަ އެވެ.

ފައިސަލްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވެސް ވަނީ 2028 ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ.