Last Updated: July 10, 21:44
Friday, July 10, 2026
ރިޕޯޓް

އައްޑޫ ކޯޒްވޭތައް؛ ގުދުރަތީ މާހައުލަށް ބޮޑު ގެއްލުމެއް!

ވޭތުވެދިޔަ އެތައް އަހަރުތަކެއް ވަންދެން އައްޑޫ ފާހަގަކުރެވިފައި ވަނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ތަފާތު ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ސަރަހައްދެއްގެ ގޮތުގައެވެ. އައްޑޫގެ ފުޅާ ކުޅިތަކާއި މޫދުވިނައިގެ މައިދާންތަކާއި، ގުދުރަތީ ގޮތުން މުއްސަނދި ފަޅުތަކުގެ އިތުރުން، ތަފާތު ދިރުންތަކުން ފުރިގެންވާ ކަނޑުގެ މާހައުލުތަކަކީ ޒަމާނުއްސުރެ މި ސަރަހައްދުގެ ދިރުންތަކާއި ދިރިއުޅުމުގެ ނިޒާމު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރަމުން އައި ވަސީލަތްތަކެކެވެ.

ނަމަވެސް، މިއަދު ތިމާވެށީގެ މާހިރުންނާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ، އެކަށީގެންވާ ދިރާސާއަކާ ނުލައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން މި ގުދުރަތީ ތަރިކައަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާާތީއެވެ.

އައްޑޫގެ ރަށްތައް އެއްގަމު މަގުން ގުޅުވައިލުމަށް ބިނާކުރި ކޯޒްވޭތަކަކީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ގެނެސްދިން މަޝްރޫއުތަކެއްކަން ކަށަވަރެވެ.

މި މަސައްކަތުގެ ސަބަބުން ރަށްތަކުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެ، ދަތުރުފަތުރަށް ހޭދަވާ ވަގުތު ކުޑަވެގެންދިޔަ އެވެ. އެހެން ނަމަވެސް، މި ބިނާތަކަށް އަހަރުތަކެއް ފާއިތުވެގެން ދިޔައިރު، އޭގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކަކީ މިއަދު ފަރުވާކުޑަކޮށް ދޫކޮށްލެވެން ނެތް މައްސަލަތަކެކެވެ. އޮއިދެމޭ މަގުތައް ބަންދުވުމާއި، ފަޅުތަކުގެ ލޮނުގަނޑު ތަޣައްޔަރުވުން ފަދަ ތިމާވެށީގެ ބޮޑެތި ގޮންޖެހުންތަކެއް މި ކޯޒްވޭތަކުގެ ސަބަބުން މިހާރު ވަނީ ކުރިމަތިވެފައެވެ.

އައްޑޫގެ ރަށްތައް ގުޅާލުމަށް ބިނާކޮށްފައިވާ ކޯޒްވޭތަކުގެ ޑިޒައިނަށް ބަލާއިރު ފާހަގަކުރެވޭ އެންމެ ބޮޑު އުނިކަމަކީ، ގުދުރަތީ ފެންމަގުތައް ބަންދުވާނެހެން އެތަންތަން ހަދާފައިވުމެވެ. ކަނޑުގެ ލޮނުގަނޑު މިނިވަންކަމާއެކު ދައުރުވާނެ ފަދަ އެކަށީގެންވާ ހުޅުވުންތަކެއް ނެތުމުގެ ނަތީޖާއެއްގެ ގޮތުން، އަތޮޅުގެ ގުދުރަތީ އޮއިވަރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ކުރިން ފަޅުތެރެއާއި ބޭރުކަނޑާ ދެމެދު އޮތް ހަލުވި ދައުރުވުން ހުއްޓި، ފެން ކާރުވެ، މުޅި ސަރަހައްދުގެ ނާޒުކު އިކޯސިސްޓަމްތައް ދަނީ ބަލިކަށިވަމުންނެވެ.

މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާފައިވަނީ އައްޑޫގެ މެންގްރޯވް (ކުޅި ފާ ފަދަ) މާހައުލުތަކަށެވެ. މެންގްރޯވްތަކުގެ ދިރުން ބަރޯސާވެފައިވަނީ ކަނޑުގެ ލޮނާއި ނިއުޓްރިއެންޓްސް ގަވާއިދުން ބަދަލުވުމުގެ މައްޗަށެވެ. ނަމަވެސް، މި ދައުރުވުމަށް ހުރަސް އެޅުމުގެ ސަބަބުން ގަސްގަހާގެހި މަރުވެ، އެތަންތަނަށް ބަރޯސާވާ ދޫންޏާއި މަސްމަހާމެހީގެ އާބާދީތަކަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ.

ތިމާވެށީގެ މި ހީނަރުކަން ހަނިވެފައިވަނީ ހަމައެކަނި ކުޅިތަކަކަށް ނޫނެވެ. އޮއިވަރަށް އައި ބަދަލާއެކު ވެލި ދަތުރުކުރާ ގޮތް ބަދަލުވެ، ބައެއް ރަށްރަށުގެ ގޮނޑުދޮށްތައް އިންތިހާއަށް ގިރަމުންދާއިރު، އަނެއްބައި ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ޗަކައާއި ކުނި ޖަމާވަމުންދެއެވެ. މީގެ ސަބަބުން، ޒަމާނުއްސުރެ ރައްކާތެރިކަން ދެމުންދިޔަ ފަޅުތައް ހަލާކުވެ، އުދައެރުމާއި ފެންބޮޑުވުން ފަދަ ގުދުރަތީ ކާރިސާތަކަށް މުޅި މުޖުތަމައު ވަނީ ހުށަހެޅިފައެވެ.

މި ހިތާމަވެރި ހަގީގަތް ކުރިމަތިވަމުން މިދަނީ، އައްޑޫއަކީ ފަތުރުވެރިކަމުގެ މުހިންމު މަންޒިލަކަށް ހެދުމަށް ސަރުކާރުންނާއި ރައްޔިތުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ގެސްޓްހައުސްތަކާއި ރިސޯޓުތައް ތަރައްޤީކޮށް އިޤްތިޞާދީ އާ ދިރުމެއް ގެނައުމަށް އުންމީދު ކުރާއިރު، ފަތުރުވެރިކަމުގެ އަސްލު ބިންގަލަކީ އަތޮޅުގެ ގުދުރަތީ ރީތިކަމެވެ. ސާފު ފަޅުތަކާއި، ދިރޭ މުރަކައިގެ ބަގީޗާތަކާއި، މުއްސަނދި ތިމާވެށި ހަލާކުވެދާނަމަ، ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިވިކަން ގެއްލިގެންދާނެއެވެ. ތިމާވެށި ހިމާޔަތްކުރުމަކީ ތަރައްޤީއަށް އޮތް ހުރަހެއް ނޫނެވެ. އެއީ ތަރައްޤީގެ އެންމެ މުހިންމު ތަނބެވެ.

އެހެންކަމުން، މިއަދު އުފެދޭ ބަހުސަކީ ތަރައްޤީ ބޭނުންވޭތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. ޒަމާނީ ވަސީލަތްތަކާއި އިޤްތިޞާދީ ކުރިއެރުމަކީ ކޮންމެހެން ބޭނުންތެރި ކަންކަމެވެ. ނަމަވެސް، އޮތް ސުވާލަކީ މި ތަރައްޤީއަކީ ގުދުރަތީ ނިޒާމުތަކަށް އިހުތިރާމްކުރާ، އަދި އެ ނިޒާމުތައް ރައްކާތެރިކުރާ ފަދަ "ބުއްދިވެރި" ތަރައްޤީއަކަށް ހެދިދާނެތޯއެވެ؟

ތިމާވެށީގެ މާހިރުން ލަފާދެއްވާ ގޮތުގައި، މިކަމަށް އޮތް އެންމެ ފަހި ހައްލަކީ މިހާރު ހުރި ކޯޒްވޭތަކުގެ ޑިޒައިން މުރާޖާކޮށް، ފެން ދައުރުވާނެ ފަދަ ބްރިޖްތަކެއް ނުވަތަ ބޮޑެތި ކަލްވަރޓްތަކެއް ހިމެނުމެވެ.

މިއީ ބޮޑު ހޭދައެއް ހިނގާނެ ކަމެއް ނަމަވެސް، ތިމާވެށި ހަލާކުވުމުން ކުރިމަތިވާނެ އިޤްތިޞާދީ އަދި އިޖުތިމާޢީ ގެއްލުން މާ ބޮޑުވާނެއެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، އައްޑޫގެ މި ހާލަތަކީ މުޅި ގައުމަށް ލިބޭ ފިލާވަޅެކެވެ. ކުރު މުއްދަތުގެ ފަސޭހައަށްޓަކައި ތިމާވެށީގެ ހަގީގަތްތަކަށް ފަރުވާކުޑަކޮށް ހިންގާ މަޝްރޫއުތަކުގެ ބުރަ އުފުލަންޖެހޭނީ އަންނަން އޮތް ޖީލުތަކެވެ.

ރާއްޖޭގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން (އައްޑޫ ސިޓީ ކައުންސިލާއި، މައި ސަރުކާރުން) އިސްކަންދޭންވީ، ތަރައްޤީއާއި ތިމާވެށި އެކުއެކީގައި ކުރިއަށްދާނެ އުސޫލުތަކެއް ކަނޑައެޅުމަށެވެ. ގުދުރަތީ ވަސީލަތްތައް ގުރުބާންކޮށްފައި ހޯދާ ކުރިއެރުމަކީ ހަގީގީ ކުރިއެރުމެއް ނޫނެވެ. އައްޑޫގެ ތަފާތު މާހައުލު ހިމާޔަތްކުރުމަކީ، އެ އަތޮޅުގެ އިޤްތިޞާދީ މުސްތަޤްބަލު އުޖާލާކުރުމަށްޓަކައި މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު ގައުމީ މަސައްކަތެވެ.