ކުރީ ޒަމާނެއްގައި "ވާދީއް ނަޚީލް" ކިޔާ ރަށެއް އޮތެވެ. އެ ރަށުގައި ސަހުލު ބިން ހާރޫން ކިޔާ ހިކުމަތްތެރި، ގަދަރުވެރި ބޮޑަކު އުޅުއްވިއެވެ. ސަހުލަކީ ކަންކަމުގައި ދުރުވިސްނޭ، ކަންނެތްކަމާއި މީހުންނަށް ބަރޯސާވެގެން އުޅުމަށް ނުހަނު ނަފުރަތުކުރެއްވި، އަދި ޒުވާނުން މަސައްކަތްތެރިކަމާއި ހިތްވަރާއެކު އުޅޭތަން ދެކެން ލޯބިކުރެއްވި ބޭފުޅެކެވެ.
އެއް ދުވަހަކު، އެ ރަށުގެ ދެ ޒުވާނަކު ސަހުލުގެ މަޖިލީހަށް ވަނެވެ. ފުރަތަމަ ޒުވާނަކީ ސާލިމެވެ. އޭނާއަކީ ހީވާގި، ދަނޑުވެރިކަމާއި ވިޔަފާރީގެ ތެރޭގައި އާ އުފެއްދުންތައް ތައާރަފުކުރަން އުޅޭ ޒުވާނެކެވެ. ދެވަނަ ޒުވާނަކީ އާމިރެވެ. އޭނާއަކީ އަރާމަށް ލޯބިކުރާ، މަސައްކަތްތަކާއި ބުރައިން ސަލާމަތްވުމަށް އަބަދުވެސް އުޒުރުތައް ހޯދާ ކަންނެތް ޒުވާނެކެވެ.
އާމިރް އެ މަޖިލީހުގައި އިށީނދެ، ރަށުގެ ބޮޑުންނާއި ދަތުރުވެރިންނާއެކު ވަގުތު ހޭދަކުރާ ވާހަކައިން ފަޚުރުވެރިވާން ފެށިއެވެ. އަދި މަޖިލިސްތަކުގައި އެމީހުންނަށް ކޮފީ ހަދައިދީ، ސާމާނުތައް ތަރުތީބުކޮށްދީ ހަދާގޮތް ކިޔައިދިނެވެ. އެއަށްފަހު، ބޮޑާކަމާއެކު ސަހުލު ބިން ހާރޫނާ ދިމާއަށް އެނބުރިލާފައި ބުންޏެވެ. "އޭ އަބޫ ޢަމްރޫއެވެ! އިސްވެދިޔަ ބޮޑުން ބުނެއުޅެއެވެ. "ގައުމެއްގެ (ނުވަތަ ބައެއްގެ) ޚާދިމަކީ އެބައެއްގެ ސާހިބު މީހާއެވެ." އެހެންވީމާ، އަހަރެން މި އެންމެންނަށް ޚިދުމަތް މިކުރަނީ އެ ބުނާ ސާހިބުކަމާއި މަތިވެރި ދަރަޖަ ހޯދުމަށެވެ!"
ސަހުލު ބިން ހާރޫން ހިކުމަތްތެރި ހިނިތުންވުމަކާއެކު ބޯހަލުވައިލެއްވުމަށްފަހު، މީހުންގެ މެދުގައި މަޝްހޫރުވެގެންދިޔަ އޭނާގެ ފާހަގަކޮށްލެވޭ ބަސްފުޅު ވިދާޅުވިއެވެ. "ތިޔައީ ކަންނެތް މީހުން ދައްކާ ކަހަލަ ވާހަކައެކެވެ!" މުޅި މަޖިލިސް ހިމޭންވިއެވެ. އަދި އެހާ މަޝްހޫރު މިސާލުބަހަކަށް އެފަދަ ފާޑުކިއުމެއް އައުމުން އާމިރް ހައިރާންވެ އަންތަރީސްވިއެވެ. މިހިސާބުން، ސަހުލު ބޭނުންވީ އޭނާގެ މާނައިގެ ފުންމިން ބަޔާންކޮށްދިނުމަށް މިސާލެއް ޖައްސަވާށެވެ.
އިބްރަތާއި ހާލަތުގެ ފަސްފަހަށް:
ސަހުލު އާމިރާ ދިމާއަށް އެނބުރިލާފައި ވިދާޅުވިއެވެ.
"ދަރިފުޅާއެވެ! ކޮންމެ ބަހަކަށްވެސް ބޭނުންކުރަންވީ މާހައުލެއް އޮވެއެވެ. އަދި ކޮންމެ މިސާލުބަހަކަށްވެސް ގުޅޭ ހާލަތްތަކެއްވެއެވެ. ހަގީގީ ސާހިބުކަމާއި މަތިވެރިކަން އަންނަނީ އިސްވާރުކަން، ޒިންމާދާރުކަން، އާ އުފެއްދުންތެރިކަން، އަދި ތިމާގެ އިލްމުން، މުދަލުން ނުވަތަ މުޖުތަމައު ބިނާކުރާ މަސައްކަތުން މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީގެންނެވެ.
ނަމަވެސް، ހަށިގަނޑު ވަރުގަދަ ޒުވާނަކު، މަސައްކަތުގެ ބުރަކަމުން ފިލުމަށްޓަކައި ތިޔަ މިސާލުބަސް އައްޑަނައަކަށް ހަދައި، ކޮންމެ މީހަކަށްވެސް ކޮށްލެވޭނެ އާދައިގެ ޚިދުމަތްތަކަކުން ފުއްދައިލައިގެން، ހަމައެކަނި "ސާހިބެއް" ގެ ނަން ހޯދަން އިންތިޒާރު ކުރުމަކީ، މާތް ﷲ ގަންދީ ބުނަމެވެ، އެއީ ކަންނެތްކަމުގެ އިންތިހާއެވެ! ތިޔަ ކުރި ކަމަކީ، މަތިވެރި ކަންކަމަށް ވާސިލުވުމަށް ތިމާގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަން ފޮރުވުމަށްޓަކައި، އެހީތެރިވުމުގެ ރީތި ސިފަ ވަޒީފާއަކަށް ބަދަލުކޮށްލުމެވެ."
އެއަށްފަހު ސަހުލު އަނެއް ޒުވާނާއަށް (ސާލިމަށް) އިޝާރާތް ކުރައްވައި ވިދާޅުވިއެވެ. "މި ޒުވާނާ އެދަނީ ދަނޑުވެރިކަންކޮށް، ވިޔަފާރިކޮށް، މީހުންނަށް ވަޒީފާދީ، ރަށަށް ބޭނުންވާ ކާނާ އުފައްދަމުންނެވެ. އަދި މެހެމާނުންނަށް މަރުހަބާ ކިޔަންޖެހޭ ވަގުތު އައުމުން، އޭނާ ތެދުވެ ލޯތްބާއި ކަމޭހިތުމާއެކު އޭނާގެ އަޚުންނަށް ޚިދުމަތްކުރެއެވެ. "ބައެއްގެ ޚާދިމަކީ އެބައެއްގެ ސާހިބު މީހާއެވެ." މި ބަސް ހަގީގަތުގައި ފެތެނީ މިފަދަ މީހުންނަށެވެ. އެހެނީ އޭނާއަކީ އޭނާގެ މަސައްކަތުން އަސްލުވެސް ސާހިބެކެވެ، އަދި އޭނާގެ ޚިދުމަތުން މަޑުމައިތިރި އަޅެކެވެ. ނަމަވެސް، އެއްވެސް މަސައްކަތެއް ނުވަތަ ހުނަރެއް ނެތި، ހަމައެކަނި ޚިދުމަތް ކޮށްދިނުމުން ސާހިބުކަން ލިބޭނެ ކަމަށް ހީކުރާ މީހާއީ ކުށްހީއެއްގައި އުޅޭ މީހެކެވެ."
އާމިރު އެ މަޖިލީހުން ނިކުތީ އެ ފިލާވަޅު ވަރަށް ރަނގަޅަށް ދަސްކޮށްގެންނެވެ. މަތިވެރި މިސާލުބަސްތަކަކީ ކަންނެތްކަމާއި ފަސްޖެހުމަށް ބޭނުންކުރާ ފޮރުވޭ ހިޔާވަހިކަމަކަށް ހަދައިގެން ނުވާނެއެވެ. ސާހިބުކަމާއި މަތިވެރިކަން ބޭނުންވާ މީހާ، އެންމެ ފުރަތަމަ އަމިއްލަ ނަފްސު ބިނާކޮށް، ބިމުގައި ހިތްވަރާއެކު މަސައްކަތް ކުރަންޖެހެ އެވެ. އެއަށް ފަހު، އޭނާގެ އެ މަތިވެރިކަން ފުރިހަމަކުރަންވާނީ މީހުންނަށް ޚިދުމަތްކުރުމުގެ މަޑުމައިތިރިކަމުންނެވެ. ދިރިއުޅުމުގެ އަމާޒުތަކުން ފިލަން ދައްކާ އުޒުރަކަށް ޚިދުމަތް ކުރުން ހަދައިގެން ނުވާނެ އެވެ.
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.