ބެލްޖިއަމް 2-1 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލުން ސްޕެއިން ޖާގަ ހޯދައިފި އެވެ.
ސެމީގައި ސްޕެއިން ބައްދަލުކުރާނީ ފްރާންސްއާ އެވެ. މުބާރާތުގެ ސެމީއަށް ފްރާންސް ދަތުރުކުރީ ކުއާޓާގައި މޮރޮކޯގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 30 ވަނަ މިނެޓްގައި ސްޕެއިނުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ، އޭރިއާތެރެއިން ޑެނީ އޯލްމޯ ޖެހި ޝޮޓެއް ބެލްޖިއަަމް ކީޕަރު، ތިބައު ކޯޓުއާ އަތުގައި ޖެހިފައި، ނުކުތް ވަގުތު ރީބައުންސުން ފަބިއަން ރުއީޒް ޖެހި ގޯލެކެވެ. ނަމަވެސް މެޗުގެ 41 ވަނަ މިނެޓްގައި ބެލްޖިއަމްގެ ފޯވާޑް ޗާލްސް ޑި ކަޓަލާރޭ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ، ޓިމޮތީ ކަސްޓާންޏާ ނެގި ހުރަހަކުން ޑި ކަޓަލާރޭ ބޮލުން ޖެހި ގޯލެކެެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް ވަތް ފުރަތަމަ ގޯލުކަން ފާހަގަކޮށްލެވެ އެވެ.
މެޗުގެ ދެވަނަ ހާފްގައި ސްޕެއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، މާ ނުރައްކާތެރި އެޓޭކުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ.
ބެލްޖިއަމަށް މި މެޗުގައި މައްސަލަތަކެއް ދިމާވީ އެޓީމުގެ ގޯލްކީޕަރު، ކޯޓުއާ އަށް އަނިޔާވުމާ ގުޅިގެން ބަދަލުކުރަން ޖެހުމުންނެވެ. ކޯޓުއާގެ ބަދަލުގައި އެ ޓީމުގެ ގޯލު ބަލަހައްޓަން ދެން އެރީ ދެ ވަަނަ ކީޕަރު، ސެން ލަމެންސް އެވެ. ސްޕެއިން މޮޅުވި ގޯލު ޖެހީ 88 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ސްޕެއިންގެ ޑިފެންޑަރު ޕައު ކުބަރްސީ ޖެހި ޝޮޓެއް ކީޕަރު ލަމެންސް އަތުގައި ޖެހިފައި ނުކުތް ވަގުތު، ގޯލަށް ވައްދާލައިގެން އެޓީމު މޮޅުކޮށްދިނީ މިކޭލް މެރީނޯ އެވެ.