Last Updated: July 11, 22:16
Saturday, July 11, 2026
ކުޅިވަރު

ފްރާންސް ދެކެ ސްޕެއިނުން ބިރެއް ނުގަނޭ: ޔަމާލް

ފްރާންސް ދެކެ ސްޕެއިނުން ބިރެއް ނުގަންނަ ކަމަށް، ސްޕެއިންގެ ތަރި ލަމީން ޔަމާލް ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ސްޕެއިން އާއި ފްރާންސް ބައްދަލުކުރަން ޖެހޭއިރު، މި ދެ ޓީމު އެންމެފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފްރާންސަށް މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. ސްޕެއިނުން ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ.

ކުއާޓާފައިނަލްގައި ރޭ ބެލްޖިއަމްގެ މައްޗަށް ސްޕެއިނުން 2-1 އިން ކުރި ހޯދި މެޗަށްފަހު ޔަމާލް ބުނީ ފްރާންސުން އެއްވެސް ޓީމެއް ދެކެ ބިރުގަންނަ ނަމަ އެޓީމަކަށް ވާނީ ސްޕެއިން ކަމަށާއި އެންމެފަހުން ކުޅުނު ދެ ފަހަރު ވެސް ސްޕެއިނުން ފްރާންސްގެ މައްޗަށް ކުރި ހޯދާފައިވާނެ ކަމަށެވެ.

ވޯލްޑް ކަޕްގައި އޮތް އެންމެ މޮޅު ދެ ޓީމަކީ ފްރާންސާއި ސްޕެއިން ކަމަށާއި ނަމަވެސް ސްޕެއިނުން ފްރާންސް ދެކެ ބިރު ނުގަންނަ ކަމަށް ޔަމާލް ބުންޏެވެ.

މިއީ ސްޕެއިނުން ވޯލްޑް ކަޕްގެ ސެމީގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެންމެފަހުން އެޓީމުން މުބާރާތުގެ ސެމީއަށް ދަތުރުކުރީ 2010 ވަނަ އަހަރު ކަމަށްވާއިރު، އެފަހަރު ސްޕެއިނުން ވަނީ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ބުނީ ސްޕެއިނަށް ފްރާންސް ބަލިކުރެވޭނެ ކަމަށާއި ސްޕެއިނަކީ ފެންވަރު ހުރި އަދި މީގެކުރިން ވެސް ސެމީފައިނަލަކުން ފްރާންސް ބަލިކޮށްފައިވާ ޓީމެއް ކަމަށެވެ. އަދި ފްރާންސް ބަލިކުރުމަށްޓަކާ ސްޕެއިންގެ އެންމެ މޮޅު ކުޅުން ދައްކަންޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ސްޕެއިން އާއި ފްރާންސް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.