ރާއްޖެއަކީ އަބަދުވެސް ދީނީ ހަރުކަށި ފިކުރާ ދެކޮޅު ގައުމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އުޒްބެކިސްތާނުގައި އަލަށް ފެށި އިސްލާމީ ސިވިލައިޒޭޝަންއާ ބެހޭ ބައިނަލްއަޤްވާމީ ފޯރަމްގެ ތެރެއިން އެގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ދީނީ ހަރުކަށި ފިކުރާއި، ތަކްފީރުކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ސާބިތުކަމާއެކު ދެމިއޮތް ޤައުމެއް ކަމަށާއި އަދި އުޒްބެކިސްތާނުގެ އަޚުންނާއި އުޚުތުންނަށް، އިސްލާމްދީނުގެ މެދުމިންގަނޑުގެ މަގުގައި ސާބިތުވެ ތިބުމަށް ބާރުއަޅާ ކަމަށެވެ. އަދި އެއީ ކެތްތެރިކަމާއި، ހަމަހަމަކަމާއި، އަދި ދީނުގައި ހައްދުފަހަނަޅައިދިއުމުން ދުރުހެލިވުމަށް ގޮވާލާ މަގުކަމަށްވެސް ވިދާޅުވި އެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިސްލާމްދީނަކީ ސުލްޙައިގެ ދީންކަމަށާއި އެހެންކަމުން، މުސްލިމުންގެ ހައިސިއްޔަތުން، ހަރުކަށި ފިކުރާއި، ދީނީ ގޮތުން ހައްދުފަހަނަޅައިދިއުމާއި، ޓެރަރިޒަމާ ދެކޮޅަށް އަޅުގަނޑުމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ. އަދި ޓެރަރިޒަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.
އުޒްބެކިސްތާނަކީ ޢިލްމާއި ޙިކުމަތުގެ ގޮތުން ފާހަގަކޮށްލެވޭ ތާރީޚެއް އޮތް ތަނެއްކަން ފާހަގަކުރައްވަމުން، ރާއްޖެއާއި އުޒްބެކިސްތާނަކީވެސް އިސްލާމީ އުންމަތުގެ ބައެއްގެ އިތުރުން އޯއައިސީގެ މެންބަރު ދެ ޤައުމުކަން ވަޒީރު ހަނދާންކޮށްދެއްވި އެވެ.
މީގެއިތުރުން، މި ފޯރަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޢިލްމުވެރިންނާއި ފިކުރުވެރިން އެއްތަންވެ، މިއަދުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ހުޅުވުނު މުހިންމު ދޮރެއްގެ ގޮތުގައި ޝަހީމް ސިފަކުރެއްވި އެވެ.