Last Updated: July 11, 22:16
Saturday, July 11, 2026
ކުޅިވަރު

މި ފަހަރު ތަށި ގެންދާނީ ނޯވޭއިން!

މި އަހަރު ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލާނީ ކޮން ބައެއް ހެއްޔެވެ؟ ފަހަރެއްގައި ޗެމްޕިއަނުންނަށް ވާނީ ކޮން ޓީމެއްކަން ބައެއް މީހުންނަށް އެނގިދާނެވެ. ކުރީގެ މުބާރާތްތަކުގެ އާދަޔާ ޚިލާފު ޕެޓާރންތަކަށް ބަލައިގެން، މިފަހަރު ތަށި ގެންދާނީ ކޮން ބައެއްކަން ލަފާކުރެވިދާނެއެވެ. މިއީ ފުޓްބޯޅައިގެ ތާރީޚާއި، މެޗްތަކުގެ ޕެޓާރންއަށް ބަލައިގެން ހަދާފައިވާ ދިރާސާއެކެވެ.

ތިރީގައި މި ބަޔާންކުރާ އާދަޔާ ޚިލާފު ޕެޓާރންއަށް ބަލާލަމާ ހިނގާށެވެ. 2002 ވަނަ އަހަރު ޖަޕާނުން ގަދަ 16 އަށް ދަތުރުކުރުމަށްފަހު، ޖަޕާނާއި ތުރުކީ ވާދަކޮށް ތުރުކީ ޓީމުން އެކެއް ސުމަކުން ޖަޕާން ބަލިކުރިއެވެ. އަދި އެފަހަރު ތުރުކީ ޓީމު ސެމީފައިނަލަށް ދަތުރުކޮށް، 26 ޖޫން 2002 ގައި ޖަޕާނުގެ "ސައިޓާމާ ސްޓޭޑިއަމް" ގައި ބުރެޒިލްއާ ވާދަކޮށް ބުރެޒިލްގެ ރޮނާލްޑޯ ކާމިޔާބުރި ހަމައެކަނި ލަނޑާއެކު، ތުރުކީ ސެމީ ފައިނަލުން ބަލިވިއެވެ. އަދި އެފަހަރުގެ ދުނިޔޭގެ ތައްޓަށް ކުޅުނު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުރެޒިލުން ހޯދިއެވެ.

ދެހާސް ދިހަ ވަނަ އަހަރު ގަދަ 16 ގައި، ޖަޕާނާއި ޕެރަގުއޭ ބައްދަލުކުރި މެޗްގައި ދެ ޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 5 ލަނޑު 3 ލަނޑުން ޕެރަގުއޭ މެޗް ކާމިޔާބުކޮށް ކުއާރޓަރ ފައިނަލް ދަތުރުކުރިއެވެ. އަދި 03 ޖުލައި 2010 ގައި ދެކުނުއެފްރިކާގެ "އެލިސް ޕާކް ސްޓޭޑިއަމް" ގައި ސްޕޭނާއި ޕެރަގުއޭ ކުޅުނު ކުއާޓަރ ފައިނަލް މެޗްގައި، 82 ވަނަ މިނިޓްގައި ސްޕޭނުގެ ޑޭވިޑް ވިލާ ޖެހި ހަމައެކަނި ގޯލާއެކު، ސްޕޭނު ފުރަތަމަ ފަހަރަށް ސެމީ ފައިނަލަށް ދަތުރުކުރިއެވެ. އަދި، ސެމީފައިނަލުގައި އެކެއް ސުމަކުން ޖަރުމަނު ބަލިކޮށް، ފައިނަލް މެޗްގައި ނެދަރލޭންޑްސްއާ ވާދަކޮށް އިތުރު ވަގުތުގައި ޖެހި ހަމައެކަނި ލަނޑާއެކު، ފުރަތަމަ ފަހަރަށް ސްޕޭނުން ވޯރލްޑް ކަޕު ތަށި އުފުލާލިއެވެ.

ދެހާސް އަށާރައިގައި ރަޝިޔާގައި ބޭއްވި ދުނިޔޭގެ ތައްޓަށް ކުޅުނު ފުޓްބޯޅަ މުބާރާތުގެ، ކުއާޓަރ ފައިނަލުގައި ބެލްޖިއަމާއި ޖަޕާން ވާދަކުރި މެޗްގައި ޖަޕާނުން 02 ލަނޑު ޖަހައި ކުރި ހޯދާފައިވަނިކޮށް، ފަހަތުން އަރައި 03 ލަނޑު ޖަހައިގެން ބެލްޖިއަމުން އެ މެޗް ކާމިޔާބުކޮށް ކުއާޓަރ ފައިނަލް ދަތުރު ކުރިއެވެ. އަދި އެ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ބުރެޒިލްއާ ބައްދަލުކޮށް ދެ ލަނޑު، އެއް ލަނޑުން ބުރެޒިލް ބަލިކޮށް ސެމީފައިނަލް ދަތުރުކުރިއެވެ. އެކަމަކު، ސެމީ ފައިނަލުގައި ފްރާންސާއި ބައްދަލުކޮށް އެކެއް ސުމަކުން ފްރާންސު މޮޅުވިއެވެ. އަދި އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބެލްޖިއަމް ބަލިކުރި ފްރާންސުންނެވެ.

ދެހާސް ބާވީސް ވަނަ އަހަރު، ޤަޠަރުގައި ބޭއްވި ދުނިޔޭގެ ތައްޓަށް ކުޅުނު ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި، 05 ޑިސެމްބަރ 2022 ގައި، "އަލް ޖަނޫބު ސްޓޭޑިއަމް" ގައި ޖަޕާނާއި ކްރޮއޭޝިއާ ބައްދަލުކޮށް އެކެއް އެކަކުން ދެ ޓީމު އެއްވަރުވެ، ޕެނެލްޓީ ޖަހައިގެން ތިނެއް އެކަކުން، ކްރޮއޭޝިއާ އެ މެޗް ކާމިޔާބު ކުރިއެވެ.

އަދި 09 ޑިސެމްބަރ 2022ގައި ކްއާޓަރ ފައިނަލުގައި ބްރެޒިލްއާ ބައްދަލުކޮށް، އެކެއް އެކަކުން ދެ ޓީމު އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ހަތަރެއް ދޭކުން ކްރޮއޭޝިއާ އެ މެޗް ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކުރިއެވެ. އެކަމަކު، 13 ޑިސެމްބަރ 2022 ގައި، ސެމީ ފައިނަލުގައި އާޖެންޓީނާއާ ވާދަކޮށް ކްރޮއޭޝިއާ ތިނެއް ސުމަކުން ބަލިވިއެވެ. އެ ފަހަރު ދުނިޔޭގެ ތަށި އުފުލައިލީ، ކްރޮއޭޝިއާ ބަލިކުރި ފީފާގެ ފޭވަރިޓް އާޖަންޓީނާއިންނެވެ.

މި ޕެޓާރންއިން ދައްކުވައިދިނީ ކޮން ކަމެއް ހެއްޔެވެ؟ އާދެ، ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި ޖަޕާން އަތުން މޮޅުވާ ޓީމެއް، ބަލިކުރާ ޓީމަކުން ދުނިޔޭގެ ތަށި ހޯދާފައިވާ ތަނެވެ. އެހެންކަމަށް ވާނަމަ، 2026 ވަނަ އަހަރުގެ ދުނިޔޭގެ ތައްޓަށް މިހާރު ކުޅެމުން މިދާ ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ގައި، 29 ޖޫން 2026 ގައި ބުރެޒިލުން ވަނީ ދޭއް އެކަކުން ޖަޕާނު ބަލިކޮށްފައެވެ. އެކަމަކު 05 ޖުލައި 2026 ގައި، ގަދަ 16 ގައި ބްރެޒިލްއާ ނޯވޭ ބައްދަލުކޮށް، ނޯވޭއިން ވަނީ ހާލޭންޑް ޖެހި 2 ލަނޑާއެކު، ދޭއް އެކަކުން ބްރެޒިލް ބަލިކޮށް ކްއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. ބްރެޒިލުން ޖެހި ހަމައެކަނި ލަނޑުޖެހީ ނޭމާއެވެ. މިފަހަރު ޖަޕާނު ބަލިކުރީ ބްރެޒިލުންނެވެ. އަދި ބްރެޒިލް ބަލިކުރީ ނޯވޭއިންނެވެ.

ވީމާ، މި އަހަރުގެ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާނީ ނޯވޭއިން ހެއްޔެވެ؟ ބަލަން ތިބެމާ ހިނގާށެވެ!

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.