އިނގިރޭސިވިލާތުގެ "[ގްލޯބަލް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެ އެވެ.
އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު/ޑިސެމްބަރު ހިސާބުގަ އެވެ. މި ދަތުރުތައް ކުރާނީ އެއާބަސް އޭ380 މަރުކާގެ ބޯޓުތަކުގައެވެ.
ރާއްޖެ އަށް ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ގްލޯބަލް އެއާލައިންސްގެ ބާނީ ޖޭމްސް އެސްކިއުތު ވިދާޅުވީ ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން ގިނަ ބަޔަކު ބޭނުންވާ ހުވަފެނީ މަންޒިލެއް ކަމަށެވެ. އެހެންވެ ސަބަބަށްޓަކައި އިނގިރޭސިވިލާތުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް އިތުރުކުރުން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ގްލޯބަލް އެއާލައިންސްގެ ދަތުރުތައް ރާއްޖެ އަށް ފެށުމުން އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވާނެ ކަމަށް ޖޭމްސް ވިދާޅުވި އެވެ.
އެ ގައުމަކީ އަބަދުވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި އަހަރުގެ މިހާތަނަށް އިނގިރޭސިލާތުން ރާއްޖެއަށް 89،200 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
ގްލޯބަލް އެއާލައިންސގެ ދަތުރުތައް ރާއްޖެ އަށް ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ އެއާލައިނަކީ 2021 ގައި ވުޖޫދަށް ގެނައި އެއާލައިނެކެވެ.