ބަހާމާސްގެ އެއާލައިނެއް ކަމަށްވާ ފްލަމިންގޯގެ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި 10 މީހުން މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ސެސްނާ 402 މަރުކާގެ ބޯޓުން ދަތުރުކުރީ ޕައިލެޓާ އެކު ޖުމްލަ 10 މީހުން ކަމަށެވެ. ބޯގަސްތަކެއްގެ ތެރެއަށް ބޯޓް ވެއްޓުނު ހާދިސާގައި އެކަކު ސަލާމަތްވި ކަމަށް ޕޮލިސް ކޮމިޝަނަރު ޝަންޓާ ނޯލެސް ވިދާޅުވި އެވެ.
ނަމަވެސް ލިބުނު އަނިޔާތަކާ ގުޅިގެން އޭނަ ވެސް ފަހުން ވަނީ މަރުވެފަ އެވެ.
ބޯޓް ވެއްޓުނީ ލިންޑެން ޕިންޑްލިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސެން އެންޑްރޯސް އެއާޕޯޓަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށް ބަހާމާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އޮތޯރިޓީން ބުންޏެވެ. އަދި ބޯޓް ވެއްޓުމުގެ ކުރިން މައްސަލަތަކެއް ދިމާވި ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންވެ މިހާރު އަންނަނީ ބޯޓް ވެއްޓެން ދިމާވި ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންނެވެ.
ފްލަމިންގޯ އެއާގެ ބޯޓް ވެއްޓުނު ހާދިސާއާ ގުޅިގެން ބަހާމާސްގެ ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އެއާލައިންގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފަ އެވެ.
ބޯޓް ވެއްޓުނު ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިި ބަހާމާސްގެ ބޮޑުވަޒީރު ފިލިޕް ޑޭވިސް ވިދާޅުވީ އެ ހާދިސާ ހިނގީ ގައުމުގެ 53 ވަނަ މިނިވަން ދުވަހުގެ އުފާ ފާޅު ކުރަމުން ދަނިކޮށް ކަމަށެވެ. އެހެންވެ މި އަހަރުގެ މިނިވަން ދުވަސްވެގެންް ދިޔައީ ގައުމަށް ވަރަށް ހިތާމަވެރި ކަރުނައިގެ ދުވަހަކަށް ކަމަށް ވިދާޅުވި އެވެ.