Last Updated: July 11, 22:16
Saturday, July 11, 2026
ޚަބަރު

ޓިއުޝަންގެ ސަގާފަތް ދޫކޮށްލަންވެއްޖެ: މިނިސްޓަރު

ރާއްޖޭގެ ކިޔަވާ ކުދިންގެ މެދުގައި އޮންނަ ޓިއުޝަން ނެގުމުގެ ސަޤާފަތް ދޫކޮށްލައި، މިހާރަށް ވުރެ ބޮޑަށް ދަރިވަރުންގެ އުނގެނުމަށް ދަރިވަރުން ޒިންމާވާން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މަތީ އަރުތަވެރިންގެ އިނާމު ދޭން ހުޅުމާލޭގެ ސީއެޗްއެސްއީގައި ހެނދުނު ބޭއްވި ގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދަރިވަރުންނަށް އުނގަންނައި ދިނުމަށް ޓިއުޝަނަށް ބަރޯސާވުމުގެ އާދަ ވަރަށް ބޮޑަށް އަށަގަނެފައިވާ ކަމަށެވެ. އަދި ބައެއް ދަރިވަރުން 4-6 ގަޑިއިރު ހޭދަކުރަނީ ޓިއުޝަންގައި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުން ބޭރުން ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދޭން ވާނީ ސްކޫލުގައި އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ވިސްނައިގެންކަން ކަމަށެވެ. އެހެންވެ އަމާޒަކަށް ވާން ވާނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމަށް ބަރޯސާވެވޭ މިންވަރަށް އުނގަންނައި ދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށް ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ހަމައެކަނި ޓިއުޝަނާއި އުނގެނުމުގައި ދަރިވަރުންގެ ވަގުތުތައް ނަގާލުމަކީ ދަރިވަރުންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ވެސް ފޯރާނެ ކަމެއް ކަމަށެވެ. އެހެންވެ ދަރިވަރުންގެ ވަގުތު މެނޭޖުކުރަން ދަސްކޮށް ދިނުމާއި، ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަ ކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ދިރާސާތަކުން ވެސް ފާހަގަވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ އުނގެނުމަށް އަމިއްލައަށް ޒިންމާދާރުވުމަކީ ދަރިވަރުންނަށް އުނގެނުމުގެ އުކުޅުތައް ފަސޭހައިން ދަސްވުމުގެ އިތުރުން، އުނގެނުމުގައި ދަރިވަރުން ދެމިތިބުމަށް އެޅޭ ބާރެއް ކަމަށެވެ. ގްރޭޑް 1-12 ގެ ކިޔެވުމަށް މިހާރަށް ވުރެ ބޮޑަށް ދަރިވަރުން އަމިއްލަ އަށް ޒިންމާވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ދަރިވަރުން ޝައުގުވެރިކަން އިތުރުކޮށް މިހާރަށް ވުރެ ބޮޑަށް ޒިންމާ ނަގާކަމުގައިވާ ނަމަ އެއީ އެކުދިންގެ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އުކުޅުތައް ތަރައްޤީ ވާނެ ކަމެއް." ޝަފީޢު ވިދާޅުވި އެވެ.