Last Updated: July 11, 22:16
Saturday, July 11, 2026
ޚަބަރު

މިއަށް ވުރެ ފަސޭހަކޮށް ޑޮލަރު ލިބޭ ޒަމާނެއް ނާދޭ

އާންމުންގެ އަސާސީ ބޭނުންޔަކަށް މިހާރަށް ވުރެ ފަސޭހައިން ޑޮލަރު ބޭންކު ރޭޓުގައި ލިބުނު ޒަމާނެއް ނާންނަ ކަމަށް ޕީއެންސީގެ ޕީޕަލްސް ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ޕްރޮމޯޓް ކުރަން އުފެއްދި އެމްއެމްޓީވީގައި އޭނަ ވިދާޅުވީ ޑޮލަރު ނުލިބޭ ކަމަަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވާހަކަތައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ފަލާހު ވިދާޅުވީ މިހާރަކީ ދިވެހި ރައްޔިތުންގެ ޟަރޫރީ ބޭނުންތަކަށް އެންމެ ފަސޭހައިން ބޭންކުތައް މެދުވެރިކޮށް، ބޭންކު ރޭޓުގައި ޑޮލަރު ލިބެމުންދާ ދުވަސްވަރު ކަމަށެވެ. އެގޮތުންނ އާސަންދައާއި އެންސްޕާގެ ދަށުން ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ބޭންކުތައް މެދުވެރިކޮށް 15.42ރ. ގެ ރޭޓުގައި 1،000 އެއްހާ ޑޮލަރު ލިބޭ އިރު، އުމްރާވެރިންނާއި ހައްޖުވެރިންނަށް ބޭންކު ރޭޓުގައި އަޅުކަން އަދާކޮށް ނިންމައިލުމަށް ބޭނުންވާ މިންވަރަށް ޑޮލަރު ހަމަަޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ވެސް ގައުމީ ބޭންކުން ދޫކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދިން ބޭރަށް ދަތުރުކުރާ މީހުންނަށް ޑެބިޓް/ކްރެޑިޓް ކާޑުތަކުން 3،000 އެއްހާ ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވުބް ފަދަ ކަންކަމަކީ ދިވެހިންނަށް ޑޮލަރުގެ ތާށިކަމެއް ނެތްހަމް ހާމަކޮށްދޭ ކަމެއް ފަލާހް ވިދާޅުވި އެވެ.

"އެހެންވީމާ ހަގީގަތުގައި އާއްމު ރައްޔިތު ފަރުދުންނަށް މިއަށް ވުރެ ފަސޭހައިން ބޭންކު ރޭޓުގައި ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ." އޭނަ ވިދާޅުވިއެވެ.

ފަލާހް ވިދާޅުވި ގޮތުގައި ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމުގައި ބޭންކުން ދޭ ޑޮލަރުގެ އެހީއަށް ޝިޕްމެންޓެއްގެ 20 ޕަސެންޓާ ހަމައަށް ބޭންކުން ޑޮލަރު ހަމަޖައްސައި ދިނުމުގެ ސަބަބުން ވިޔަފާރިވެރިން ޑޮލަރު ގަންނަން ޖެހެނީ ޖުމްލަ 18 ވަރަކަށް ރުފިޔާއަށް ކަމަށެވެ.

އޭނަ ވިދާޅުވީ ގޮތުގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދި އަގު އުފުލަން ދިމާވީއެމްޑީޕީގެ ވެރިކަމުގައި 8 ބިލިއަން ރުފިޔާ ޗާޕްކުރުމުން ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ފައިސާ މާރުކޮށް ދެ މިލިއަން ޑޮލަރަށް މަދުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕާޓީގެ ޕީޖީ ލީޑަރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، އެމްޑީޕީން ވަނީ މާދަމާ ރޭ ޑޮލަރެއް ނެތްގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފަ އެވެ.