ޕީއެންސީން މިއަދު ކުރިއަށް ގެންދާ އެތެރޭގެ އިންތިހާބަކީ ރާއްޖޭގެ އެހެން ޕާޓީތަކަށް ނަމޫނާއަކަށްވާ ވަރުގެ އިންތިހާބެއް ކަމަށް
އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ޢަބްދުއްރަޙީމް ވިދާޅުވީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ، އަދި އެންމެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުކުރާނެ އިންތިޚާބަކީ ޕީއެންސީގެ މިއަދު އިންތިހާބު ކަމަށެވެ. މިއީ އެ ޕާޓީގެ ދާއިރާތަކަކާއި ސްޓިއަރިން ކޮމިޓީތަކަށް މެންބަރުން ހޮވާ އިންތިހާބެކެވެ.
މި އިންތިހާބު 131 ދާއިރާއެއްގައި ކުރިއަށްދާ އިރު، 2،086 މީހަކު އިންތިހާބު ކުރާނެ އެވެ.
ޢަބްދުއްރަޙީމް ވިދާޅުވީމިފަދަ ބޮޑު އިންތިޚާބަކަށް ޕީއެންސީން ތައްޔާރުވުމަށް ހޭދަވީ މަހެއްހާ ދުވަސް ކަމަށެވެ. އަދި ވޯޓްލުން ހެނދުނު 9 ގައި ފަށައިގެން މިހާތަނަށް އައި އިރު، މައްސަލަތަކެއް ފާހަގަނުވާ ކަމަށް ވިދާޅުވި އެވެ. އޭނަ ވިދާޅުވީ އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެހިފައި އޮތީ މައްސަލަތަކެއް އުފެދޭ ވަރަ ށްވުރެ މާ ފުރިހަމަކޮށް ކަމަށެވެ.
ޕީއެންސީގެ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވަމުންދާއިރު އެ ތައްޔާރީތައް ވިލަރެސްކުރުމަށް ހާއެްސަ ކޮމިޓީއެއް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލައްވާފައިވާއިރު މިއަދުގެ އިންތިޚާބުގެ އިންތިޒާމުތައްވެސް ހަމަޖެހިގެންދިޔައީ އެ ކޮމިޓީގެ ބެލުމުގެ ދަށުންކަން ޗެއާޕާސަން ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕާޓީއަކުން ވެރިކަމުގައި އޮވެ މީގެ ކުރިން އެއްވެސް ޕާޓީއަކުން މިފަދަ ވާދަވެރި ބޮޑު އިންތިޚާބެއްގައި ބާއްވާފައި ނެތް ކަމަށެވެ. އަދި ޕީއެންސީއަށް ދައުރުގެ ތެރޭގައި މިފަދަ އިންތިޚާބެއް ބާއްވަން ކެރުނީ އެވަރުގެ އިތުބާރެއް އޮތުމުން ކަމަށް ވެސް ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ގިނަ ޢަދަދެއްގެ މެންބަރުން ވާދަކުރުމުން ދައްކުވައިދެނީ ޕާޓީއާ މެދު މެންބަރުންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ކަމަށެވެ.
"އެއީ ދެހާސް ތިންސަތޭކައެއް، ދެހާސް ހަތަރުސަތޭކައެއްހައި މީހުން ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގަައި ވާދަކުރުމަކީ އާދައިގެ ކަމެއް ނޫން،" އޭނަ ވިދާޅުވި އެވެ. "އެއިން ދައްކައި ދެނީ ޕާޓީއާއި ޕާޓީގެ ވެރިކަމާއި ޕާޓީގެ ރައީސާ މެދު އޮތް އިތުބާރު، އެ މީހުންނަށް އޮތް ޔަގީންކަން."

ޢަބްދުއްރަޙީމް ވިދާޅުވީ ޕީއެންސީގެ މެންބަރުންގެ އިތުބާރު ޕާޓީއަށް އެހާ ބޮޑަށް އޮތީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީގެ ކަންކަން ހިންގުމަށް ޕާޓީގެ ރައީސް އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމުގެ ސަބަބުން ކަމަށެވެ.
އޭނަ ވިދާޅުވި ގޮތުގައި މި އިންތިޚާބާއެކު އިތުރަށް ޕާޓީ ހަރުދަނާވެ ވަރުގަދަވެގެން ދާނެ އެވެ.