އައްޑޫ މަގުން ސީދާ ސައުދީ އަރަބިއްޔާ އަށް ގޮސް އުމްރާގެ އަޅުކަން ފަހިކޮށް ދޭން ދަ ޓްރެވެލާ އިން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރާ ފުރަތަމަ ދަތުރު މިރޭ ދަންވަރު ފަށަން ތައްޔާރުވެއްޖެ އެވެ.
ގައުމި އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ ޓޯގައި އައްޑޫން ފަށާ މި ތާރީހީ ދަތުރަށް އުމްރާވެރިން ފުރަން ހަމަޖެހިފައި ވަނީ މިރޭ ދަންވަރު 1230 ގަ އެވެ. ޓްރެވަލާގެ މި ދަތުރުގައި އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅުތަކުގެ ރަށްތަކުން ވެސް މީހުން އުމްރާ އަށް ދެ އެވެ.
ދަތުރުވެރިންގެ ޕްރީ–ޗެކިން މަރުހަލާ މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިއަށް ގެންގޮސްފައިވާ އިރު، އުމްރާވެރިންގެ ފުރުމުގެ ހުރިހާ އިންތިޒާމުތަކެއް މިހާރު ވަނީ ނިންމައިފަ އެވެ. މިކަމުގައި ގަން އެއާޕޯޓާއި މޯލްޑިވިއަނާއި ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ޓްރެވެލާ އިން ހާއްސަ ޝުކުރެއް އަދާކުރެ އެވެ.
މޯލްޑިވިއަންގައި އައްޑޫ ގަމުން އުމްރާ އަށް ފުރާ މީހުން ދަތުރުކުރާނީ ސީދާ ޖިއްދާއަށެވެ. މިއީ ސައުދީ އަށް ސީދާކޮށް އައްޑޫން ކުރާ ފުރަތަމަށް ދަތުރަށްވާތީ މިރެއަކީ އައްޑު އަށް ވަރަށް ރެއަކަށް ވާނެ އެވެ.
ޓްރެވެލާ އިން މިފަދަ ބޮޑު ލުއެއް ގެނެސްދީފައިވާތީ މިކަން ވަރަށް ގިނަ ބަޔަކު ފާހަގަކޮށް އެ ކުންފުންޏަށް އަންނަނީ ޝުކުރު ވެސް އަދާކުރަމުންނެވެ. އައްޑޫން ސީދާ އުމްރާ އަށް ދެވޭ ގޮތަށް ދަތުރުރަކެއް ކުރަން ނިންމިކަން ޓްރެވެލާ އިން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ އެޕްރީލް މަހުގެ މަހުގެ މެދުތެރޭގަ އެވެ.
އަދި ދަތުރުތައް ކުރާނެ ދުވަސްތަކާއި އަގުތައް ރަސްމީކޮށް އިއުލާންކުރީ އެ ކުންފުނިން އިންތިޒާމުކޮށްގެން ސިޓީތަކަށް ހާއްސަކޮށްގެން އެޕްރީލް މަހު ގެންދިޔަ ދަރުސް ޓުއާގެ ތެރެއިން އައްޑޫގައި އެ މަހުގެ 30 ވަނަ ދުވަަހުގެ ރޭ ބޭއްވި ދަރުސްގެ ތެރޭގަ އެވެ.
އެގޮތުން މިރޭ ފުރަތަމަ ދަތުރު ފަށާ އިރު، އައްޑޫން ބާއްވާ އުމްރާގެ ދެވަނަ ދަތުރު އޮންނާނީ މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. ފަނަރަ ދުވަހުގެ މި އުމްރާ ދަތުރުތަކުގެ އަގަކީ 29،999ރ. އެވެ.