ހިމޭން، އާދައިގެ އަވަށެއްގައި އެއްބަނޑުއެއްބަފާ ކުދިންތަކެއް ފަދައިން ތިން އެކުވެރިން ބޮޑުވަމުން ދިޔައެވެ. އެއީ އަމީން، ސާމީ އަދި ކަރީމް އެވެ. އެ ތިންއެކުވެރިންނަކީ ދުވަހަކުވެސް ވަކިނުވާ، ކާބޯތަކެއްޗާއި، ހިނިތުންވުމާއި، ބޮޑެތި ހުވަފެންތައް ހިއްސާކުރި އެކުވެރިންނެވެ.
ކޮންމެ ކުއްޖެއްގެ ވެސް އަމިއްލަ އާއިލާއެއް އޮތް ނަމަވެސް، އަމީންގެ މަންމަ އަކީ އެ އެންމެންގެ ވެސް ރޫހާނީ މަންމައެވެ. އެގޭގެ ދޮރުތައް އަބަދު ވެސް ހުންނަނީ އެކުދިންނަށް ހުޅުވިފައެވެ. އަމީނު މަންމަ އަމިއްލަ އަތުން އެ ކުދިންނަށް ކާންދީ، ކުޅެން ނުވަތަ ކިޔަވަން ބޭރަށްދާ ކޮންމެ ފަހަރަކު އިޚްލާޞްތެރި ދުޢާތަކުން އެކުދިން ހިތަށް ހަމަޖެހުން ގެނެސްދެ އެވެ.
"މަގޭ ދަރިންނޭވެ! މާތްﷲ ތިޔަ ދަރިންނަށް ކަންކަން ފަހިކޮށް ދެއްވައި، ދުނިޔޭގައި އެކަކު އަނެކަކަށް ހުރި އެހީތެރިއެއް ކަމުގައި ލައްވާށިއެވެ!" ދުވަސްތައް ފާއިތުވަމުން ގޮސް، މި ޒުވާނުން ބޮޑެތިވެ، ޔުނިވަސިޓީ އާއި ވަޒީފާގެ މަރުހަލާއާ ކުރިމަތިލިއެވެ. މި ހިސާބުން ތަޤުދީރުގެ ރޭވުންތައް ކޮންމެ މީހަކަށް ވެސް ތަފާތު ގޮތަކަށް ބަދަލުކުރިއެވެ.
އަމީނުގެ ބައްޕަ ނިޔާވުމުން މަންމަ އަށް އެހީތެރިވުމަށް މަޑުކުރަން ރަށުގައި މަޑުކުރަން ނިންމިއެވެ. ބޭރަށް ގޮސް ކިޔަވައި ކުރިއަށްދާން އޮތް ހުވަފެންތައް ޤުރުބާންކޮށް، މަންމައާ ކައިރީގައި ހުރެ ޚިދުމަތްކުރުމަށްޓަކައި ރަށުން އާދައިގެ ވަޒީފާއެއް އިޚްތިޔާރުކުރިއެވެ.
ސާމީ ރާއްޖެއިން ބޭރުން ކިޔެވުމުގެ ސްކޮލަރޝިޕެއް ލިބުނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް ގެނބި، މަޑުމަޑުން އެކުވެރިންނާ ދުރުވާން ފެށިއެވެ. ކަރީމް ވިޔަފާރީގެ ތެރެއަށް ވަނެވެ. ފެށުމުގައި ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މާލީ ހަމަޖެހުމެއް ހޯދުމަށްޓަކައި ހިތްވަރާއެކު މަސައްކަތްކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަމުން ދިޔައެވެ. އެކަކު އަނެކަކާ ނުފެނި ފުރިހަމަ ދިހަ އަހަރު ފާއިތުވެގެން ދިޔައެވެ. ސާމީގެ އެއްވެސް ޚަބަރެއް ނުވެއެވެ. ނަމަވެސް ކަރީމް ދޭތެރެއަކުން އަމީން އަށް ގުޅައި ޚަބަރު ބަލައެވެ.
ވާރޭ ވެހެމުން ދިޔަ ފިނި މޫސުމުގެ ރެއެއްގައި، އަމީންގެ މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. އަދި ވެރިރަށުގެ ބޮޑު ހޮސްޕިޓަލެއްގައި ކޮންމެހެން ކުރަންޖެހޭ، ވަރަށް އަގުބޮޑު ކުއްލި އޮޕަރޭޝަނަކަށް ބޭނުންވި އެވެ. އަމީންގެ އަތުގައި އެކަމަށް ބޭނުންވާ ފައިސާއެއް ނެތެވެ. އޭނާ ގޮތްހުސްވެފައިވާ ހާލު މަންމަގެ ބޯލާކޮޅުގައި އިށީނދެ، ރޮމުން މަންމަގެ ކިބައިން މާފަށް އެދެމުން ދިޔައެވެ. މަންމަ ވަރުބަލިވެފައިވާ ދެލޮލުން އޭނާއަށް ބަލައިލަމުން ބުންޏެވެ. "ދަރިފުޅާ ނުރޯށެވެ. ހަމަކަށަވަރުން މާތްﷲ އެކަލާނގެއަށް ކިޔަމަންތެރިވާ އަޅުން ނިކަމެތި ނުކުރައްވާނެއެވެ. ތަޤުދީރު އަބަދުވެސް އަހަރެމެންނަށް ހީވެސް ނުކުރާ ފަދަ ކަންކަން ފަރުދާގެ ފުރަގަހުން ރާއްވަވަމުން ގެންދަވައެވެ."
އެވަގުތު، ކުއްލި ޙާލަތްތައް ބެއްލެވުމަށްޓަކައި މަޝްހޫރު އޮޕަރޭޝަން ޑަކްޓަރެއް އެ ކޮޓަރިއަށް ވަނެވެ. އަމީންއާއި މަންމަ މަރްޔަމް ފެނުމާއެކު އެ ޑޮކްޓަރު ހުރި ފިޔަވަޅުމަތީގައި ގުޑާލަންވެސް ނޭނގި ހުއްޓުނެވެ. އެއީ ސާމީއެވެ! ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަންވެސް ދަތިވިއެވެ. ދެ އެކުވެރިން ވަރަށް ބާރަށް ބައްދައިލައިއެވެ. ސާމީ ކަރުނުން ފުރިގެންވީ ދެލޮލާއެކު ބުންޏެވެ. "އަހަރެން ރާއްޖެއިން ބޭރުގައި އުޅުނު ހުރިހާ އަހަރުތަކެއްގައިވެސް، ސާމީގެ މަންމަ އަހަންނަށް ކުރި ދުޢާގެ މަތިން ހަނދާނެއް ނުނެތެއެވެ.
މިއަދު މި ދަނޑިވަޅުގައި، މަންމަގެ އެ ހެޔޮކަމުގެ ބަދަލު ކޮންމެވެސް މިންވަރަކަށް ދިނުމަށްޓަކައި ތަޤުދީރު އަހަރެން މި ހޮސްޕިޓަލަށް މި ގެނައީއެވެ." އޮޕަރޭޝަންގެ ހުރިހާ ޚަރަދަކާ ސާމީ ހަވާލުވިއެވެ. އަމީންއާއި ސާމީ ހޮސްޕިޓަލުގެ ކޮރިޑޯގައި ހާސްކަމާއެކު އިންތިޒާރުގައި ތިއްބާ، މުއްސަނދި ޒުވާން ވިޔަފާރިވެރިއަކު އެތަނަށް އައެވެ. އޭނާ އައީ ބަލިމީހުންނަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް އޭނާ ހަދިޔާކުރި ފައިސާގެ އެހީގެ ކަންތައްތައް ބަލާލުމަށެވެ.
އެމީހާ އެނބުރި ބަލާލިއިރު، އެއީ ކަރީމްއެވެ! އެކުވެރިކަމުގެ ބުރު ފުރިހަމަވެ، ކުޑައިރު އެކުގައި އުޅުނު ތިން އެކުވެރިން، އެތައް އަހަރެއްގެ ވަކިވުމަށްފަހު އެމީހުން އެއްކުރި "މަންމަ" ގެ އެނދުގެ ވަށައިގެން ބައްދަލުވިއެވެ. އޮޕަރޭޝަން ކާމިޔާބުވި އެވެ. މަންމަ މަރްޔަމް ލޯ ހުޅުވާލިއިރު، ކުޑައިރުވެސް އުޅުނު ފަދައިން އެމަންމަގެ ތިން ދަރިން އެނދުގެ ވަށައިގެން ތިއްބާ ފެނުނެވެ.
ވާހަކައިން ލިބޭ ޢިބުރަތް:
ތަޤުދީރު އަހަރެމެން ވަކިކޮށް، ތަފާތު މަގުތަކަކަށް ގެންގޮސްދީފާނެއެވެ. ނަމަވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، "މަންމަ" އެއްގެ ހިތުގެ އަޑިން ކުރާ އިޚްލާޞްތެރި ދުޢާ އަކީ އަހަރެމެންގެ ތަޤުދީރު މިސްރާބުކޮށްދޭ، އަދި އަހަރެމެން އެނބުރި އަންނަންޖެހޭ މަންޒިލަށް ވާސިލުވުމަށް މަގުދައްކައިދޭ ސަމުގާއެކެވެ.
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.