Last Updated: July 11, 22:16
Saturday, July 11, 2026
ޚަބަރު

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި 33،000 މީހުން ވޯޓުލި

މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގެ ވޯޓުލުން ނިންމައިލުމަށްފަހު އެ ޕާޓީގެ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ މިއަދުގެ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށާއި އެ އިންތިޚާބު އޮތް ދާއިރާތަކުގައި 40،000 އެއްހައި މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، އޭގެތެރެއިން 85 އިންސައްތަ މީހުން ވޯޓުލި ކަމަށެވެ.

"އަޅުގަނޑުމެން ވޯޓު ފޮށި ބަންދުކުރުމާ ހަމައަށް އައިއިރު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ބޭފުޅުންގެ 85 އިންސައްތަ ބޭފުޅުން ގާތްްގަނޑަކަށް މިވަނީ ވޯޓުލާފައި. އެއީ ގާތްގަނޑަކަށް 33،000 އާއި 32،000 އާ ދެމެދުގެ އަދަދަކަށް،" ޢަބްދުއްރަޙީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ 119 ވޯޓުފޮއްޓަށް އެހައި ގިނަ އަދަދެއްގެ މީހުން ވޯޓުލުމާއި، ޕާޓީއާއި ޕާޓީގެ ސަރުކާރާއި، ޕާޓީގެ ރައީސަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ކަމަށެވެ. އެތެރޭގެ އިންތިޚާބެއްގައި 2،000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށް، 40،000 މީހުންގެ 85 އިންސައްތައެއްހައި މީހުން ވޯޓުގައި ބައިވެރިވުމަކީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާއަށާއި ޕާޓީގެ ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރުގެ ރަމްޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންތިހާބަކީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި އެކި މަގާމުތަކަށް މެމްބަރުން ހޮވަން ބޭއްވި އިންތިހާބެކެވެ.