ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެ އެވެ.
ޒަކާތު ހައުސް އިން ބުނިގޮތުގައި މިއީ މިގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރާ ކުދިންގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހިއްސާކުރި މައުލޫމާތަށް އަލިއަޅުވާލާ ޒަކާތް ހައުސް އިން އިން ބުނެފައިވަނީ، ޖުމުލަ 10 ކުއްޖަކު އެޗް.އެލް.އޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް 2026 ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފައިވާ ކަމަށެވެ. ފުރަތަމަ ބުރުގައި ހަ ކުއްޖަކު ފުރާއިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ކުރެވެމުންދާ ކަމަށްވެސް ޒަކާތް ހައުސިންއިން ބުނެފައިވެ އެވެ.
ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ހަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ވަނީ ޖަމާކޮށްފަ އެވެ. މި އެހީ ފޯރުކޮށްދިނީ 2024 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުންނެވެ.
ތެލެސީމިއާ ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ޒަކާތު ފަންޑުން ދިހަ ފަރާތެއް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެެވެ. އަދި ޒަކާތު ފަންޑުން 2024 ވަނަ އަހަރު ނުވަ ފަރާތަކަށް ބޯން މެރޯ ހެދުމަށް އަދި 2023 ވަނަ އަހަރު ފަސް ފަރާތަކަށް ބޯން މެރޯ ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު 10 ކުދިން ފޮނުވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.