ޕީއެންސީގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ގުނަނިކޮށް ގްރޫޕަކުން ވަދެ މުދަލަށް ގެއްލުންދީ، އެ ތަނުގައި ތިބި މީހުންނާ މެދުގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓް ގުނުން ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، މިރޭ 9:15 ހާއިރު، އެ ތަނަށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލްގެ މުދަލަށް ގެއްލުންދީ، އެ ތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލްގައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ ދެމެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލައި ބޮޑު މާރާމާރީއެއް ވަނީ ހިންގާފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި އެކަކު އަނެކަކާ ދިމާޔަށް ގޮނޑި އުކާ މަންޒަރު ވެސް ފެނެ އެވެ.