ޖޫޑް ބެލިންހަމްގެ ދެ ގޯލުން 2-1 އިން ނޯވޭ ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް އިންގްލެންޑް ދަތުރުކޮށްފި އެވެ.
މިއީ 2018 ވަނަ އަހަރަށް ފަހު އިންގްލެންޑް މުބާރާތުގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީގައި އިންގްލެންޑް ބައްދަލުކުރާނީ އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 36 ވަނަ މިނެޓްގައި ނޯވޭގެ އަންދްރޭސް ޝްލަޑްރަޕް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޝެލްޑްރަޕް އަރިމަތިން ނެގި ހުރަހެއް އިންގްލެންޑްގެ ކީޕަރު، ޖޯޑަން ޕިކްފޯޑް އަތްމަތިން ގޮސް ދަނޑީގައި ޖެހިފައި ވަން ގޯލެކެވެ.
އޭގެ އިރުކޮޅެއް ފަހުން ލީޑު ފުޅާކޮށްލަން ކައުންޓަ އެޓޭކުގައި އެޓީމުގެ ފޯވާޑް އަލެކްސަންޑަ ސޯލޮތަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް މުޅިން ހުހަށް އޮތް އާލިން ހާލަންޑަށް ބޯޅަ ދިނުމުގެ ބަދަލުގައި ސޯލޮތް ބޯޅަ އަމިއްލައަށް ފޮނުވާލުމުން އެ ފުރުސަތު ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތް ވަނީ ނުވެފަ އެވެ.
އެ ފުރުސަތުގެ ބޭނުން ނޯވޭއަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ އިންގްލެންޑުން ނަތީޖާ އެއްވަރުކުރުމެވެ. ނޯވޭގެ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ހަމަލާއަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލިންހަމް އެވެ.
ދެވަނަ ހާފުގައި ނޯވޭއިން ކުރިއަށް ޖެހިލައިގެން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ކުރީކޮޅު ނޯވޭއިން ދެވަނަ ގޯލެއް ވެސް ޖެހި އެވެ. ނަމަވެސް އެ ގޯލު ޖެހުމުގެ ކުރިން ހާލަންޑް، އިންގްލެންޑްގެ ޑިފެންޑަރަކަށް ފައުލްކޮށްފައިވާތީ ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ ހަމަހަމަވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ތިން މިނެޓް ތެރޭ، އިންގްލެންޑުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ، އިންގްލެންޑުން މޯގަން ރޮޖާސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ނޯވޭގެ ކީޕަރު، އޮރްޖާން ނައިލަންޑް އަތުގައި ޖެހިފައި ނުކުތް ވަގުތު ބެލިންހަމް ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި އިންގްލެންޑްގެ ޖެޑް ސްޕެންސް އާއި ބުކާޔޯ ސަކާ ފުލުފުލުގައި ފޮނުވާލި ހަމަލާތައް ނޯވޭގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.