ހުއްދަ ނޫން މަގަކުން ދަތުރުކުރި ކަމަށް ބުނާ އުޅަނދަކަށް އިންޒާރު ދިނުމަށް ބަޑީގެ ހަމަލާތަކެއް ދިނުމަށް ފަހު، ހޮރްމުޒް ކަނޑުއޮޅި ވަގުތީ ގޮތުން ބަންދުކޮށްފައިވާކަން އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިއުލާންކޮށްފި އެވެ.
އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ދީފައިވަނީ ހުއްދަ ދީފައިވާ ކަނޑުގެ މަގު ބޭނުންކުރުމަށް ތަކުރާރުކޮށް ދިން އިރުޝާދުތަކަށް ނުބަލައި ދަތުރުކުރި އުޅަނދަކަށް ކަމަށެވެ. އަދި އެމެރިކާއިން މި ސަރަހައްދަށް ނުފޫޒު ފޯރުވުން ނިމުމަކަށް އަންނަންދެން ހޮރްމޫޒް ކަނޑުއޮޅި ބަންދުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަދި އީރާނާ ދެކޮޅަށް ހަމަލާތައް ދޭނަމަ އެ ސަރަހައްދުގައި ހުރި ދުޝްމަނުންގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ވެސް ވަނީ އިންޒާރު ދީފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އެންމެ މުހިންމު އަދި ތެޔޮ ހިފައިގެން ބޯޓުތައް ދަތުރު ކުރާ މަގުތަކުގެ ތެރެއިން އެއް މަގެވެ. ދުނިޔޭގެ ޖުމްލަ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 ޕަސެންޓް ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާ އާއި އީރާނުން ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ދެ ގައުމުން ވެސް މިހާރު ވަނީ އަލުން ހަމަލާތައް ބަދަލުކުރުން ފަށައިފަ އެވެ.