ސްވިޒަލޭންޑް 3-1 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފި އެވެ.
ސެމީފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ އިންގްލެންޑާ އެވެ. މުބާރާތުގެ ސެމީން އިންގްލެންޑް ޖާގަ ހޯދީ ނޯވޭގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.
އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި އާޖެންޓީނާ އިން ވަނީ ލީޑު ނަގައިފަ އެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކޯނަރަކުން ސްވިޒަލޭންޑްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން މި ގޯލު ކާމިޔާބުކޮށްދިނީ އެލެކްސިސް މެކަލިސްޓާ އެވެ.
މި ގޯލަށް ފަހު ބޯޅަ ހިފަހައްޓައިގެން އާޖެންޓީނާ އިން ގިނަ ވަގުތު ކުޅުނު ނަމަވެސް މާބޮޑު ނުރައްކަލެއް ސްވިޒަލޭންޑްގެ ގޯލަށް ކުރެވިފައެއް ނުވެ އެވެ.
ދެވަނަ ހާފުގައި ސްވިޒަލޭންޑުން ކުޅުން ރަނގަޅުކޮށް ދިޔައީ އާޖެންޓީނާގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓްގައި ޑަން ޑޮއޭ ސްވިޒަލޭންޑަށް ނަތީޖާ އެއްވަރުކޮށްދިން އިރު، މިއީ އާޖެންޓީނާގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ސްވިޒަލޭންޑުން ނަތީޖާ އެއްވަރުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އެޓީމަށް މައްސަލަތަކެއް ދިމާވީ މެޗުގެ 72 ވަނަ މިނެޓްގައި ފޯވާޑް ބްރީލް އެމްބޯލޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. ދެވަނަ ރީނދޫ ކާޑު އެމްބޯލޯ އަށް ދެއްކީ އޭނާ ޑައިވެއް ކުރުމުގެ ސަބަބުންނެވެ.
މެޗުގެ 90 ވަނަ މިނެޓް ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން އިތުރު ވަގުތުގެ ދެވަނަ ހާފްގެ ކުރީކޮޅު ޖޫލިއަން އަލްވަރޭޒްގެ ހިތްގައިމު ގޯލުން އާޖެންޓީނާ ވަނީ އަލުން ލީޑު ނަގައިފަ އެވެ. އަލްވަރޭޒް މި ގޯލު ޖެހީ ސްވިޒަލޭންޑްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
އަދި މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ލައުޓާރޯ މާޓިނޭޒް ވަނީ އާޖެންޓީނާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މުބާރާތުގެ ސެމީން ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.