މުދަލު ޒަކާތުގެ ގޮތަށް މިދިޔަ މަހު 21.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ އެ މިއަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ ބަލާ އިރު 100 ޕަސެންޠް އިތުރު އަދަރެއް ކަމަށެވެ. މިދިޔަ އަހަރުގެ ޖޫންގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 10.6 މިލިއަން އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.6 މިލިއަން ރުފިޔާ ލިބިފައިވެ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށް ވުރެ 29 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި މުދަލުގެ ޒަކާތަށް ލިބުނީ 61.5 މިލިއަން ރުފިޔާ އެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަދި އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.
މިހާރު ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބަކީ 21،836.50ރ. އެވެ. އެ ބަދަލު އައީ އެޕްރީލް މަހުގެ ތެރޭގަ އެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ މިންވަރު ވެސް ބަދަލުވެ އެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަ ކުރަނީ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.