ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެލްޖީއޭ އިން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ލޯކަލް އެ ގެ ބޯޑަށް، ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 8 ގައި ކަމަށެވެ.
އެހެންވެ މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ އިންތިހާބީ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 16 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އެލްޖީއޭ އިން ބުނީ ލޯކަލް އެ އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކަމަށެވެ.
ވޯޓު ގުނަން ފަށާނީ އެ ދުވަހު ވޯޓު ނަގައި ނިމޭތާ 30 މިނެޓުގެ ހުސް ވަގުތު ކޮޅަކަށް ފަހުއެވެ. ވޯޓު ގުނައި ނިމުމުން އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކުރާނެ އެވެ. އަދި ރަސްމީ ނަތީޖާ އިޢުލާން ކުރާނީ އަންނަ މަހުގެ 11 ގަ އެވެ.