Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

ޖަސްޓިސް ޖުވެނައިލް އަށް 287 މީހަކު ތަމްރީނުވެއްޖެ

ޖަސްޓިސް ޖުވެނައިލް ޓްރެއިނިން ޕްރޮގްރާމުން މިހާތަނަށް 287 މީހަކު ތަމްރީނުވެފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

ޔޫއެންއޯޑީސީގެ އެހީއާ އެކު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ކުރިއަށްގެން ދިޔަ 11 ވަނަ "ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމް" ނިންމުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު އަޙްމަދު ސިއްދީގް ވިދާޅުވީ
2022 އިން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ޕްރޮގްރާމަކީ ކާމިޔާބު އަދި އެހާމެ މުހިއްމު ޕްރޮގްރާމެއް ކަމަށެވެ.

"މިއީ މާދަމާގެ ޖީލަށް ނުވަތަ އަންނަން އޮތް ޖީލުތަކުގެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމަށްޓަކައި ޓްރެއިންވެފައި ތިބި ބޭފުޅުން. ކުޑަކުދިންގެ އަދުލުގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުގެ ތެރެއިން މިފަދަ ޓްރެއިނިން ކުރިއަށްގެން ދިޔުމަށް ލާޒިމުކޮށްފައިވޭ،" ސިއްދީގް ވިދާޅުވި އެވެ. "ޑީޖޭޖޭ އަށް މަތިކޮށްފައިވާ މި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންދާކަން އަޅުގަނޑު އުފަލާއެކީ ފާހަގަ ކުރަން."

ސިއްދީގް ވިދާޅުވީ ރަނގަޅު ޖީލެއް ބިނާ ކުުރުމަށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެ ނަމަ ނުވަތަ އެ ކުޑަދިންނަށް އަޅާލެއްވިޖެ ނަމަ މާދަމާގެ ޖީލަކީ ވަރަށް ވެސް ރަނގަޅު ޖީލަކަށް ވެގެންދާނެ ކަމަށެވެ.

މި މަހުގެ 5-9 އަށް ކުރިއަށް ގެންދިޔަ ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ޕްރޮގްރާމްގެ 11 ވަނަ ބެޗަކީ ވެސް ކުޑަކުދިންގެ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރަން ހިންގި ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމް ފުރިހަމަކޮށް 29 މީހަކު ށް ސެޓްފިކެޓް ޙާސިލްކޮށްފައިވެ އެވެ.