Last Updated: July 12, 22:47
Sunday, July 12, 2026
ރިޕޯޓް

ދިވެހި އަސްކަރީ އެވޭލާ ތާރީޚު (5)

(ޖުލައި 9 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ދިވެހި ލަޝްކަރު ތަރުތީބު ކުރެވިފައި އޮތްގޮތް

ދިވެހި ލަޝްކަރާ ބެހޭ ގޮތުން ލިބެންހުރި އެންމެ ދުރުގެ މަޢުލޫމާތުން އެނގޭގޮތުގައި ކުރީ ޒަމާނުގައި ދިވެހި ލަޝްކަރު އޮތީ ދެބަޔަކަށެވެ. އެއީ ދެބައިލަޝްކަރީންނެވެ. ފުރަތަމަބަޔަކީ އިސްކޮން އޮންނަ ތިން ބައި ނުވަތަ ތިން ވަރެވެ. އެއީ "އިސްތިންވަރު" އެވެ. ދެން އޮންނަނީ އޭގެފަހުން އޮންނަ ތިންބައި ނުވަތަ ތިންވަރެވެ. އެއީ "ފަސްތިންވަރު" އެވެ. އިސްތިންވަރުގައި އޮންނަނީ ދޮށިމޭނާވަރާއި، ހަކުރާވަރާއި، ވެލާނާވަރެވެ. ފަސްތިންވަރުގައި އޮންނަނީ ފާމުދޭރިވަރާއި، މާފަތްވަރާއި ދަހަރާވަރެވެ.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ދެބައިލަޝްކަރު ކިތަމުން އައީ އެއްގަމުގެ ސިފައިންނާއި ކަނޑުގެ ސިފައިންނަށެވެ. ނަމަވެސް އިސްތިންވަރާއި ފަންތިސްވަރާއެކު އޮތް ދެބައިލަޝްކަރަކީ އެގޮތަށް އޮތް ދެބައިލަޝްކަރެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ކޮމްބެޓް ނުވަތަ ހަނގުރާމަމަތީ ތިންބާރާއި، އެ ބާރުތަކަށް އެހީތެރިވެވޭގޮތަށް އޮތް ސަޕޯޓް ސަރވިސް ބާރުތަކެއްކަމަށް ގަބޫލުކުރެވެއެވެ.

މިގޮތަށް ޤަބޫލު ކުރެވެނީ ދިވެހި ލަޝްކަރުގެ އެއްގަމުގެ ސިފައިންގެ ބާރުކަމުގައިވާ ދޮށިމޭނާވަރާއި، ކަނޑުމަތީގެ ބާރުކަމުގައިވާ ވެލާނާވަރާއި، މަދަނީ ނުވަތަ އާންމު ޚިދުމަތާ ބެހޭ (ސިވިލް ޑިފެންސް) ބާރެއްގެ ގޮތުގައި އޮތް ހަކުރާވަރު ދެބައިލަޝްކަރުގެ ތެރެއިން އިސްތިންވަރުގައި ހިމެނޭތީއެވެ.

ފަސްތިންވަރުގައި އޮތް ފާމުދޭރިވަރަކީ އޭރުގެ ޞިއްޙަތާ ބެހޭ ވަޒީރުގެ ބެއްލެވުމުގެ ދަށުން އަސްކަރިއްޔާގައި އޮތް ވެލްފެއަރގެ ޚިދުމަތެވެ. ދެން އޮތީ މާފަތްކަމަށް ކޮލިލައްވާފައި ހުންނަވާ އިދާރީ ހިންގުމާ ބެހޭ ވަޒީރުގެ ދަށުގައި އޮތް މާފަތްވަރެވެ. އެއަށްފަހު އޮތީ ދާޚިލީ ވަޒީރުގެ ބެއްލެވުމުގެ ދަށުންގައި އޮތް ބޮޑު މުސްކުޅިންގެ ދަހަރާވަރެވެ.

ވަރު ކިޔަނީ ބަޔަށެވެ. ހަވަރަކީ ކުރީ ޒަމާނުގައި ހަނގުބޭކަލުން (ސިފައިންގެ ލަޝްކަރު) ބަހާފައި އޮންނަ ހަ ބައެވެ. މިއީ ޒަމާނީ އަސްކަރިއްޔާތަކުގައި އޮންނަ ފަދަ ކޯރ، ޑިވިޜަން، ބްރިގޭޑް، ބެޓޭލިއަން، ކޮމްޕެނީ ފަދަ ބައިބައެވެ. މި ނަންތަކަކީ މި ޒަމާނުގައި ސިފައިންގެ މީހުންގެ އަދަދަށް ވަރަށް ބޮޑަށް ބިނާވާ ނަންތަކެކެވެ. މިގޮތަށް ބަލައިފިނަމަ ކުރީ ޒަމާނުގައި ދިވެހި އަސްކަރިއްޔާ ބެހިފައިވާ ވަރުތަކަކީ ގާތްގަނޑަށް ކޮމްޕެނީ ލެވެލްގައި މަސައްކަތްކުރި ޔުނިޓުތަކެކެވެ. މި ޒަމާނުގައި ކޮމްޕެނީއެއްގައި 80-250 އާ ދެމެދުގެ ސިފައިން ހިމެނެއެވެ. ކޮމްޕެނީއެއްގައި 3 ނުވަތަ 4 ޕްލެޓޫން އޮވެއެވެ.

ކުރީ ޒަމާނުގައި އަސްކަރިއްޔާގައި ހުރި ކޮށިތައް ބެލެވެނީ މިފަދަ ޕްލެޓޫނުތަކެއްގެ ގޮތުގައެވެ. މި ޒަމާނުގައި ޕްލެޓޫނެއްގައި 30-50 އާ ދެމެދުގެ ސިފައިން ހިމެނެއެވެ. ކުރީ ޒަމާނުގައި ދިވެހި އަސްކަރިއްޔާގައި ހުރި ކޮށިތައް ކަމަށްވާ ބަޑިކޮށިތަކާއި ދަނޑިކޮށިތަކާއި އައްޑަނަ ކޮށިތަކާއި ކުޅިކޮށިތަކުގައި 20-40 އާ ދެމެދަށް ހަނގުބޭކަލުން (ސިފައިން) ތިބިކަން އެނގެއެވެ. ޕުލެޓޫނެއް ބިނާ ވަނީ 8-12 މީހުންނާ ދެމެދުގެ އަދަދަކަށް ސިފައިން ހިމެނޭ ސްކޮޑް ނުވަތަ ސެކްޝަން ތަކެއްގެ މައްޗަށެވެ. ދިވެހި އަސްކަރިއްޔާގައި ކުރިން އޮތް މައިގަނޑު ހަތަރު ކޮށީގެ ދަށުގައި އިތުރު ކޮށިތަކެއް ނުވަތަ ސެކްޝަންތަކެއް ވެސް ހުއްޓެވެ.

އެންމެ ކުރިންސުރެ ވެސް ދިވެހި ލަޝްކަރު ތަރުތީބު ކުރެވިފައި އޮތީ ހަރުދަނާ އިންތިޒާމުތަކެއްގެ މަތީންކަން އެނގެއެވެ. އަދި ދެބައި ލަޝްކަރުގައި އޮތް ހަވަރުގެ އިސް ބޭފުޅުންނަށް ނުވަތަ ކޮމާންޑަރުންނަށް ތިއްބެވީ ރަސްކަމުގެ ފަރާތުން ކޮލި ލައްވާފައި ތިއްބެވި ދައުލަތުގެ ވަޒީރުންކަން ވެސް އެނގެއެވެ. މީގެ ތެރެއިން ބައެއް ވަޒީރުންނަކީ ރަސްކަމުގެ އެންމެ އިސް މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ކިލެގެ ބޭކަލުން (އަމީރުން) ނެވެ.

އަނެއްބައި ބޭކަލުންނަކީ ރަސްކަމުގެ ދެވަނަ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނެވެ. މި ގޮތަށް ދެބައިލަޝްކަރު އޮވެގެން ދިވެހީން އެތައް ހަނގުރާމަތަކެއް ކުރިއެވެ. އަދި ކާމިޔާބާއި ނަޞްރު ވެސް ހޯދިއެވެ. އިސްތިންވަރާއި ފަސްތިންވަރުގެ މައްޗަށް ދެ ބައިލަޝްކަރު އޮވެގެން ދިވެހީން ހަނގުރާމައަށް އެންމެ ފަހުން ނުކުތީ ޕޯޗުގީޒުންނާ ދެކޮޅަށް 1558 މޭ 19 ވަނަ ދުވަހުއެވެ.

މިއީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުން (ޢަލީ ރަސްގެފާނު) ޝަހީދުވި ދުވަހެވެ. އަދި ޕޯޗުގީޒުންގެ އަނިޔާވެރި އަޅުވެތިކަމަށް ދިވެހިރާއްޖެ ދިޔަ ދުވަހެވެ. ބުނެވޭ ގޮތުގައި އެ ދުވަހު ޢީދު މިސްކިތާ ހަމައަށް ވަޑައިގެން ރަދުން ފަހަތް ބައްލަވާލެއްވިއިރު ދެބައި ލަޝްކަރެއް ރަދުންގެ ފަހަތްޕުޅަކު ނެތެވެ. ތިއްބެވީ ބޮޑުވަޒީރާއި ޚާދިމުންގެ ތެރެއިން މީހެކެވެ.
ޢަލީ ރަސްގެފާނު ޝަހީދުވެ ޕޯޗްގީޒުންގެ އަޅުވެތިކަމުގައި ދިވެހިރާއްޖެ 15 އަހަރާއި 6 މަސްދުވަހު އޮތެވެ. ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށް ދެއްވީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް ސިރީ ސަވާދީއްތަ ހަމާރަދުން (1573-1585) އެވެ.

މިއީ ދިވެހި ތާރީޚުގައި މަޝްހޫރު ބޮޑުތަކުރުފާނެވެ. ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަންކުރެއްވުމަށްފަހު ދިވެހި ޤައުމު ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ ދިވެހި ލަޝްކަރު އަލުން އެކުލަވާލެއްވުމެވެ. މިގޮތުން ބޮޑުތަކުރުފާނު ދިވެހި ލަޝްކަރު އުފައްދަވައި ހަމަޖައްސަވައި ތަރުތީބު ކުރެއްވީ ކުރީގައި އޮތް ގޮތަކަށްނޫނެވެ. ދެބައިލަޝްކަރުގެ ބަދަލުގައި ބޮޑުތަކުރުފާނު ދިވެހި ލަޝްކަރު ތަރުތީބު ކުރެއްވީ ތިން ބާރެއްގެ މައްޗަށެވެ. އެއީ ވަރުހަނގުންނާއި، އަސްކަރުންނާއި، އައްތާރަފަނިންނެވެ.

ދިވެހި ލަޝްކަރުގެ އެންމެ އިސް ބާރެއްގެ ގޮތުގައި ބޮޑުތަކުރުފާނު ކަނޑައެޅުއްވީ "ވަރުހަނގުން" ނެވެ. ވަރުހަނގުންގެ ތެރޭގައި ހިމެނުއްވީ ދޮށިމޭނާވަރާއި، ހަކުރާވަރާއި ވެލާނާވަރެވެ. އަނެއް ބާރަކީ އަސްކަރުންނެވެ. އަސްކަރުންގެ ތެރޭގައި ހިމެނުއްވީ ވަރުހަނގުންގެ ތެރޭގައި އޮތް ދޮށިމޭނާވަރާއި، ހަކުރާވަރާއި، ވެލާނާވަރުގެ އިތުރުން މާފަތްވަރާއި ދަހަރާވަރެވެ. ލަޝްކަރުގެ ތިންވަނަ ބާރެއްގެ ގޮތުގައި ހަމަޖެއްސެވީ "އައްތާރަފަނިން" ނެވެ. މި ބާރުގައި ހިމެނުއްވީ މާފުދޭރިވަރެވެ. ނުވަތަ ފާމުލަދޭރިވަރެވެ. ކުރިން ވެސް އޮތް ގޮތަށް މި ހަވަރުގެ ތެރެއިން ކޮންމެ ވަރެއްގެ ވެރިއަކަށް ލެއްވީ ވަޒީރެކެވެ.

ބޮޑުތަކުރުފާނު ލަޝްކަރު ތަރުތީބު ކުރެއްވިއިރު ބައިކުރެއްވި ތިން ބާރުގެ ތެރެއިން ކޮންމެ ބަޔަކަށް ކުދި މުސްކުޅިން ނުވަތަ ކުޑަ މުސްކުޅިން ލެއްވިއެވެ. ކުދި ނުވަތަ ކުޑަ މުސްކުޅިންނަކީ އަތްދަށު ސަރުދާރުންނެވެ. މިގޮތުން ވަރުހަނގުންގެ ތެރެއަށް 10 ކުޑަމުސްކުޅިން، އަސްކަރުންގެ ތެރެއަށް 10 ކުޑަމުސްކުޅިން އަދި އައްތާރަފަނިންގެ ތެރެއަށް ހަތް ކުޑަ މުސްކުޅިން ލެއްވިއެވެ.

ކުރީ ޒަމާނުގައި "މުސްކުޅިން" ނުވަތަ "މުސްކުޅި ބޭކަލުން" މި ލަފުޒުތައް ބޭނުންކުރަނީ ހަމައެކަނި އުމުރުން ދުވަސްވެފައިވާ މީހުންނަކަށް ނޫނެވެ. "ބޮޑުމުސްކުޅިން" ނާއި "ކުޑަމުސްކުޅިން" ނުވަތަ "ކުދި މުސްކުޅިން" ނަކީ އެ ޒަމާނުގައި އޮތް އިސް ދެ މަޤާމެކެވެ. ބޮޑުމުސްކުޅިންނަކީ އިހުގައި ވަޒީރުކަމަށް ކޮލިލައިފައި ތިއްބަވާ ބޮޑު ބޭކަލުންނެވެ.

ކުދިމުސްކުޅިންނަކީ ބޮޑުމުސްކުޅި ބޭކަލުންގެ ދަށުން ލައްވާ އަތްދަށު ސަރުދާރުންނެވެ. ބޮޑު މުސްކުޅި ކަމަކީ އެ މަޤާމަށް ކޮލި ލައްވާފައި "ބޮޑުމުސްކުޅިކަމުގެ އަސާ" ވެސް ދެއްވާ މަޤާމެކެވެ. މުސްކުޅިންގެ ތެރޭގައި "އަސްކަރުމުސްކުޅިން" ވެސް ތިއްބަވައެވެ. މިއީ އަސްކަރުންގެ ދަނޑި ދެއްވާފައި ތިއްބަވާ ބޭކަލުންނެވެ. ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު މި ބޭކަލުން ތިއްބަވާނީ ރަދުންގެ ކަނާތްފަރާތްޕުޅުގައެވެ. ހަނގުބޭކަލުން (ސިފައިން) ގެ ތެރޭގައި "މަސައްކަތު މުސްކުޅިން" ވެސް ތިއްބެވިއެވެ. މި ބޭކަލުންނަކީ ބުރުޒުތަކުގެ އެތަންމިތަނަށް އެޅިފައި ހުންނަ އުންޑަ ހޮވުމެވެ.

ބޮޑުތަކުރުފާނު ލަޝްކަރުގެ ތަރުތީބަށް ބަދަލު ގެންނެވި ނަމަވެސް ލަޝްކަރު އޮތީ ކުރިން ވެސް އޮތް ފަދައިން ހަވަރުގެ މައްޗަށެވެ. އެއީ ދޮށިމޭނާވަރާއި ހަކުރާވަރާއި ވެލާނާވަރާއި ފާމުދޭރިވަރާއި މާފަތްވަރާއި ދަހަރާވަރެވެ. މި ވަރުތަކުގެ ތެރެއިން މާފުދޭރިވަރަށް ފާމުލަދޭރިވަރު އަދި ދަހަރާވަރަށް ދަހަރަދަވަރު ވެސް ކިޔައެވެ.

ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.