Last Updated: July 12, 22:47
Sunday, July 12, 2026
ރިޕޯޓް

އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން ޒުވާނުން ބިނާކުރުން

އައްޑޫ ކެނަރީފް ރިސޯޓްގެ މުވައްޒަފުންތަކެއް. ފޮޓޯ/ ކެނަރީފް

އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދު މިވަނީ އާ އުސްމިންތަކަކަށް ދަތުރުކުރުމުގެ މަގުމަތީގައެވެ. ޚާއްޞަކޮށް ފޭދު އާއި ކައިރި ރަށްތަކުގައި ލޯކަލް ޓޫރިޒަމަށް އޮތް ޝައުޤުވެރިކަން އިތުރުވަމުން އަންނަ އިރު، މިއީ އަމިއްލަ ވިޔަފާރިވެރިންނަށާއި ވަޒީފާ ހޯދާ ޒުވާނުންނަށް ލިބިގެންދާ ރަނގަޅު ފުރުޞަތެކެވެ. ނަމަވެސް، މި ސިނާއަތް ހަގީގީ މާނައިގައި ފުޅާކުރުމަށްޓަކައި އަޅުގަނޑުމެން ހައްލު ކުރަން ޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ ތަމްރީނު ލިބިފައިވާ ފަންނީ މަސައްކަތްތެރިންގެ ދަތިކަމެވެ.

ހޮސްޕިޓަލިޓީ ދާއިރާގެ އެކި ގިންތިތަކުން ހުނަރުވެރި ދިވެހިން މިއަދު ބޭނުންވެއެވެ. އޭގެ ތެރޭގައި ކައްކާ މީހުންނާއި، ވެއިޓަރުންނާއި، ހައުސްކީޕިންގ މުވައްޒަފުންނާއި، ރިސެޕްޝަނިސްޓުންގެ އިތުރުން އެކައުންޓެންޓުންނާއި، ޑައިވިންގ އިންސްޓްރަކްޓަރުންނާއި، ޓުއާ ގައިޑުންނާއި، ބަގީޗާ ބަލަހައްޓާ މީހުން ފަދަ އެތައް ދާއިރާއެއް ހިމެނެއެވެ. އައްޑޫގައި ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތައް އިތުރުވަމުންދާއިރު، އެ ތަންތަނަށް ބޭނުންވާ ފެންވަރުގެ މުވައްޒަފުންގެ ދަތިކަން ވަނީ ބޮޑުވެފަ އެވެ.

މިކަމަށް އޮތް ހައްލަކީ ހަމައެކަނި ބިދޭސީ މަސައްކަތްތެރިންނަށް ބަރޯސާވުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ އަމިއްލަ ޒުވާނުން ތަމްރީނުކުރުމެވެ. އައްޑޫގެ ޒުވާނުންނަކީ އަގުނުކުރެވޭ ފަދަ ބޮޑު ރައުސްމާލެކެވެ. ކޮންމެ އަހަރަކު ސާނަވީ ތައުލީމު ނިންމާ އެތައް ކުދިންނެއް ވަޒީފާގެ ބާޒާރަށް ނުކުންނައިރު، އެކުދިންގެ ކިބައިގައި ހުރި ހުނަރާއި ޖޯޝުގެ ބޭނުން ހިފަންޖެހެއެވެ. މިކަމަށްޓަކައި ހަ މަހާއި އެއް އަހަރާ ދެމެދުގެ އަމަލީ ތަމްރީނު (އެޕްރެންޓިސްޝިޕް) ޕްރޮގްރާމްތަކެއް ހިންގުން މުހިންމެވެ. އައްޑޫ ސިޓީ ކައުންސިލާއި، ރިސޯޓްތަކާއި، ގެސްޓްހައުސްތައް ގުޅިގެން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެ އެވެ.

މިކަމުގެ ސަބަބުން ކުދިންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މި މުއްދަތުގައި ކައުންސިލްގެ އެހީތެރިކަމާއެކު އެލަވަންސެއް ދެވޭނަމަ، އެއީ ޒުވާނުންނަށާއި، ރިސޯޓް ގެސްޓުހައުސް ހިންގާ ފަރާތްތަކަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެއެވެ.

މިފަދަ ނިޒާމެއްގެ ސަބަބުން ވިޔަފާރިތަކަށް މާލީ ގޮތުން ލުއިތަކެއް ލިބި، ފެންވަރު ރަނގަޅު ޚިދުމަތް ދޭނެ މުވައްޒަފުން އުފެއްދުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުން ލިބޭ ނަފާ އަތޮޅުގެ އިގްތިސާދުގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެއެވެ. ތަމްރީނުތަކަކީ ހަމައެކަނި ޚިދުމަތް ދިނުމަށް އަމާޒުކުރާ ކަންކަމަށް ނުހަދައި، ބޭރު ބަސްތަކާއި، މާކެޓިން އަދި މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނުމުން، ޒުވާނުންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ސަނަދުތައް ހޯދުމުގެ ފުރުޞަތުވެސް ފަހިވާނެއެވެ.

އައްޑޫގައި "ޓޫރިޒަމް ސްކިލްސް ޑިވެލޮޕްމަންޓް ސެންޓަރެއް" ގާއިމްކުރުމަކީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ. ފަތުރުވެރިކަމަކީ ހަމައެކަނި ބިނާކުރެވޭ ރީތި އިމާރާތްތަކެއް ނޫނެވެ. އެއީ ހިނިތުންވުމާއެކު ދެވޭ ފުރިހަމަ ޚިދުމަތާއި، ފަތުރުވެރިންގެ ހިތްތަކުގައި ބަހައްޓައިދޭ ރީތި ހަނދާންތަކެވެ. މިއަދު އަޅުގަނޑުމެން ޒުވާނުންނަށް އިންވެސްޓްކޮށްފިނަމަ، މާދަމާ އައްޑޫގެ ފަތުރުވެރިކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގެން ދާނީ އައްޑޫގެ ރައްޔިތުންނަށެވެ.

ސަރުކާރާއި، އައްޑޫގެ ވިޔަފާރިވެރިންނާއި، ތައުލީމީ މުއައްސަސާތައް ގުޅިގެން ކުރެވޭ މިފަދަ މަސައްކަތަކުން، އައްޑު އަކީ ފަތުރުވެރިކަމުގެ ނަމޫނާ މަންޒިލަކަށް ހެދިދާނެ އެވެ.