Last Updated: July 12, 22:47
Sunday, July 12, 2026
މުނިފޫހިފިލުވުން

ކުޑައިރު ޖިންސީ ގޯނާ ލިބުނު: ރާމް

ކުޑައިރު ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު ކަމަށް އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ރާމް ކަޕޫރް ބުނެފި އެވެ.

'ބަޅޭ އައްޗޭ ލަގްތޭ ހޭ' އާއި 'ގަރް އޭކް މަންދިރު' އަދި 'ގަސަމް ސޭ' ފަދަ މަގުބޫލު އެތައް ސިލްސިލާއެއް ކުޅެފައިވާ މިހާރު އުމުރުން 52 އެކްޓަރު ކުޑައިރު ޖިންސީ ގޯނާގެ ޝިކާރައަކަށްވި ވާހަކަ އަލަށް ހިއްސާކުރީ ނެޓްފްލިކްސް އިން މިހާރު ގެނެސްދޭ ރިއަލިޓީ ޝޯ 'ލޮކަޕް' ސީޒަން ދޭއްގަ އެޕިސޯޑެއްގަ އެވެ.

އެ ޝޯގައި ވާދަކުރާ ބައިވެރިންގެ ތެރޭގައި ހިމެނޭ ރާމް ބުނީ އޭނަ އަށް ޖިންސީ ގޯނާ ލިބުނީ ބޯޑިން ސްކޫލްގައި ކިޔަވަން ދުވަސްވަރު އުމުރުން 13 އަހަރުގައި ކަމަށެވެ. އެކަމަކު މިހާތަނަށް އެ ވާހަކަ އޭނަގެ އަންހެނުން ބަތަލާ ގޯތަމީ ފިޔަވައި އެއްވެސް މީހަކާ ދުވަހަކު ވެސް ހިއްސާ ނުކުރާ ކަމަށް ބުންޏެވެ.

ރާމް ބުނި ގޮތުގައި ޖިންސީ ގޯނާ ލިބުނީ އޭނަ ބޯޑިން ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުން ދިޔަ ދުވަސްވަރު، އޭރު ގްރޭޑް 10 ގައި ކިޔަވަމުން އައި ފިރިހެން ދަރިވަރެއްގެ ފަރާތުން ކަމަށެވެ. އަދި އެކަން ދިމާވީ އެއް ދުވަހެއްގެ ކިޔެވުން ނިންމާފައި ދަރިވަރުންތައް ސަކަރާތް ޖަހަން ބޯޑިން ސްކޫލްގެ ދަރިވަރުން އެއް ބަޔަކު ތިބޭ ކޮޓަރިއަށް އަނެއް ބަޔަކު ވަދެގެން މަޖާ ކުރަން އުޅުނު ދުވަހެއްގައި ކަމަށް ބުންޏެވެ.

އެ ދުވަހު އޭނަގެ އެނދަށް އަރައި އޮތް ދަރިވަރުގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިވި ކަމަށް ބުންޏެވެ. ރާމް ބުނި ގޮތުގައި އެ ދަރިވަރުން އޭނަގެ ޖިންސީ ގުނަވަނުގައި އަތްލައ ބެހިފައިވެ އެވެ. އަދި އެކަން އޭނަ ތަކުރާރު ކުރަމުން ދިޔަ އިރު، ހަދާނެ ގިެއް، ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި އޮތް ކަމަށް ރާމް ބުންޏެވެ.

އޭނަ ބުނި ގޮތުގައި އެ ހާދިސާގެ ފަހުން އަމިއްލަ މިޒާޖަށް ބަދަލުތަކެއް އައިސް މީހާ ވަރަށް ބޮޑަށް ނެގިމަޑުވެފައި އެތައް ދުވަހަކު ހުންނަން ޖެހުނެވެ. ނަމަވެސް ފަހުން އެކަމުން އަރައިގަނެވުނީ ބެހުނު ދަރިވަރު މައާފަށް އެދި އެކުވެރިކަން ބަދަހި ކުރުމުން ކަމަށް ރާމް ބުންޏެވެ.

މިހާރު ފުރާވަރުގެ ދެ ކުދިން ވެސް ތިބި އެކްޓަރު ރާމް އާއި ގޯތަމީ ކައިވެނިކުރީ 2003 ގަ އެވެ. މި ދެމަފިރިންނަކީ ޓީވީ އުފެއްދުންތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުގައި ވެސް ސަޕޯޓިން ރޯލުތައް ކުޅޭ ދެ ފަންނާނުންނެވެ.

މިދިޔަ މަހުގެ 27 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި 'ލޮކަޕް 2' އަކީ ފަރާ ޚާނާއި ރިތޭޝް ދޭޝްމުކް ހޯސްޓްކުރަމުން އަންނަ ޝޯއެކެވެ.