ގިނަ ބަޔަކު މި އަހަރު އެންމެ އިންތިޒާރުކުރާ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ޑޫން ޕާޓް 3' ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމު ސިނަމާތަކަ ދޫކޮށްލަން ތާވަލުކޮށްފައި އޮތީ ޑިސެންބަރު 18 ގަ އެވެ. 'ޑޫން 3' ގައި ވެސް މައިގަނޑު ކެރެކްޓާ އިން ފެންނާނީ ކުރީގެ ދެ ބައިގެ ވެސް ބަތަލު ޓިމޮތޭ ޝަލަމޭ އެވެ. މީގެ ކާސްޓްގައި ޒެންޑާޔާ އާއި ރޮބަޓް ޕެޓިންސަނާއި ޖޭސަން މޮމޯއޯ އާއި ފްލޮރެސް ޕިއު އާއި ރެބެކާ ފާގަސަން އަދި ޒޭވިއާ ބްރޭންޑެން ހިމެނެ އެވެ.
ޑެނިސް ވިލެނޯވް ޑައިރެޓްކުރި މި ޓްރިލޮޖީގެ 'ޑޫން' ގެ ފުރަތަމަ ބައި ރިލީޒްކުރީ 2021 ގަ އެވެ. ޖުމްލަ 165 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 411 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެވެ. އަދި 2024 ގެ 'ޑޫން 2' އަކީ އާމްދަނީ އަށް 715 މިލިއަން ޑޮލަރު ލިބުނު ފިލްމެކެވެ. އެ ފިލްމު ހެދީ 190 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
ޑިސެންބަރުގައި 'ޑޫން 3' ބެލުންތެރިންނަށް ދޫކޮށްލާ އިރު، މީގެ ޑައިރެކްޓަރު ދެން ހަދަން އޮތް ފިލްމަކީ 'ޖޭމްސް ބޮންޑް' ފިލްމު ސީރީޒްގެ 26 ވަނަ ފިލްމެވެ.