ޢިކްރިމާ ރަޙިމަހުﷲގެ ކިބައިން ރިވާވެގެންވެ އެވެ. "ލުޤުމާނުގެފާނަކީ އެކަލޭގެފާނުގެ ސާހިބު މީހާގެ އަޅުންގެ ތެރެއިން އެންމެ މަޑުމައިތިރި އަދި އެންމެ އާދައިގެ ގޮތެއްގައި އުޅުއްވި އެއް ބޭކަލެކެވެ. އެކަލޭގެފާނުގެ ޙިކުމަތްތެރިކަމުގެ ތެރެއިން އެންމެ ފުރަތަމަ ފެނިގެން ދިޔަ ކަމަކީ، އެކަލޭގެފާނުގެ ސާހިބު މީހާ ފާޚާނާ އަށް ވަދެ ވަރަށް ގިނައިރު އިށީނދެގެން އިނުމުން ހިނގައި ދިޔަ ހާދިސާއެކެވެ.
އެހިނދު ލުޤުމާނުގެފާނު ސާހިބު މީހާ އަށް ގޮވާލައްވައި ވިދާޅުވި އެވެ. "ހަމަކަށަވަރުން ޤަޟާ ޙާޖަތްކުރުމަށްޓަކައި ފާޚާނާގައި ގިނައިރު އިށީނދެގެން އިނުމަކީ ފުރަމޭގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އަދި އޭގެ ސަބަބުން ފުރަގަސްފަރާތު ބަލި (ބަވާސީރު) ޖެހުމާއި، ބޮލަށް ހޫނު އަރާ ގޮތްވެ އެވެ.
އެހެންކަމުން ޤަޟާ ޙާޖާތްކޮށް، ލަސްނުކޮށް، ލުއިކަމާއެކު އަވަހަށް ނިކުންނާށެވެ." ދެން އެ ސާހިބުމީހާ އެކަލޭގެފާނުގެ މި ޙިކުމަތްތެރި ބަސްފުޅު ފާޚާނާގެ ދޮރުމަތީގައި ލިޔުނެވެ." الدر المنثور للسيوطي (ج٢ ص١٦١)
އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ފާޚާނާގައި ބޭނުމެއް ނެތި ގިނައިރު މަޑުނުކުރާށެވެ. އެހެނީ، އެއްވެސް ބޭނުމެއް ނެތި އެފަދަ ތަންތަނުގައި މަޑުކުރުމަކީ މަކްރޫހަ ކަމެކެވެ. ސަބަބަކީ އެއީ ޝައިޠާނުން ހާޒިރުވާ ތަނަކަށްވުމާއި، އައުރަ ކަޝްފުކުރެވޭ ތަނަކަށް ވާތީއެވެ." شرح العمدة (١/٦٠)
ތަރުޖަމާ: ޝައިޚް މުޙައްމަދު ޝާފިޢު