Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

އަމިއްލައަށް ވަކިވާން އެދުނީ 108 މުވައްޒަފުން: ފެނަކަ

އިނާޔަތްތަކަކާއެކު ފެނަކައިން ވަކިވާން ބޭނުންވާ މުއައްޒަފުންނަށް އެފުރުސަތު ހުޅުވާލުމުން 108 މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް އެކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އަމިއްލައަށް ވަކިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ފެނަކައިން ފުރުސަތު ދީފައިވަނީ އިނާޔަތަކާއެކުގަ އެވެ. ފެނަކައިން މުއައްޒަފުންނަށް ފޮނުވި ނޯޓިހުގައި ފުރުސަތު ދީފައިވަނީ ޖޫން 14 ގެ ނިޔަލަށެވެ.

ދައުލަތުގެ ރޭޑިއޯ ސްޓޭޝަން 'ދިވެހިރާއްޖޭގެ އަޑު'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސެއިން ވިދާޅުވީ މިހާރު ކުރިއަށްދަނީ 108 މުވައްޒަފަކު އެ ކުންފުނިން ދޫކޮށްލުމުގެ މަރުހަލާ ކަމަށާއި ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ރިޑަންޑެންސީ އުސޫލުން 4 މަސްދުވަހުގެ މުސާރަ ދިނުމުގެ އިތުރުން، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ސަރުކާރުގެ ލޯނު ސްކީމްތަކުގެ ތެރެއިން އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ފުރުސަތު ފެނަކައިން ފޯރުކޮށްދޭނެ ކަމަށެވެ.

މި ވަގުތުވެސް ފެނަކައިގެ ޕޭރޯލްގައި 8,000 އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު، ކުންފުންޏަށް ލިބޭ އާމްދަނީން މުސާރައިގެ ހަރަދުތައް ދެކޮޅު ނުޖެހޭތީ، މުސާރަ ދިނުމަށްޓަކައި އެކަނިވެސް ސަރުކާރުގެ ބަޖެޓުން ކޮންމެ މަހަކު 40 މިލިއަނާއި 50 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޭދަކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ، ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ދޭންޖެހޭ 4 މަހުގެ މުސާރަ ހަމަޖައްސާނީ ކުންފުނީގެ ފާސްކޮށްފައިވާ އަހަރީ ބަޖެޓުގެ ތެރެއިން ކަމަށެވެ. އަދި މިއީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އަފީފް ވިދާޅުވި އެވެ.